ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-30/2020)

September 13, 2021

ޝަކުވާ ނަމްބަރު: CAC-30/2020

ޝަކުވާ ހުށަހެޅި ތާރީޙް: 23 އޮގަސްޓް 2020

ހުލާސާ: މިއީ، ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް ފިޔަވާ، ރީބްރޯޑްކާސްޓްކުރާ އެހެނިހެން އެންމެހާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށްފައިވާ ޗެނަލްތަކަކަށް ވާންވާނެކަމަށާއި، އެ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރަންވާނީ އެ އިދާރާއިން ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ޗަންލަތައް ގިންތި ކުރެވިފައިވާ ގޮތުގެ މައުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެގޮތް ރީބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2019/R-179) ގެ 33 ވަނަ މާއްދާގައި ސަރީޚަކޮށް ބަޔާންކޮށްފައިވާއިރު، މީޑިއާނެޓުން މި ގަވާއިދާ ޚިލާފަށް ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް އިތުބާރުކުރެވޭ ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ލިބިފައިވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ރަސްމީ ސިފައެއްގައި ބަލާ ތަޙްޤީޤުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް ފިޔަވައި، ރީބްރޯޑްކާސްޓްކުރާ އެހެނިހެން އެންމެހާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށްފައިވާ ޗެނަލްތަކަކަށް ވާންވާނެކަމަށާއި، އެ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރަންވާނީ އެ އިދާރާއިން ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ޗެނަލްތައް ގިންތި ކުރެވިފައިވާ ގޮތުގެ މައުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެގޮތް ރީބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2019/R-179) ގެ 33 ވަނަ މާއްދާގައި ސަރީޚަކޮށް ބަޔާންކޮށްފައިވާއިރު، މީޑިއާނެޓުން މި ގަވާއިދާ ޚިލާފަށް ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް އިތުބާރުކުރެވޭ ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ލިބިފައިވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ރަސްމީ ސިފައެއްގައި ބަލާ ތަޙްޤީޤުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ ކޮމިޝަނުން ބަލާފައިވާ ނަންބަރު CAC-30/2020 މައްސަލައިގައި، ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ރީބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ، ދައުލަތުގެ ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިވާ ކްލެސިފައިކުރުމުގެ މިންގަނޑުތަކަށް ފެތޭ ކޮންޓެންޓެއް ކަމުގައި ވާންވާނެ ކަމަށް، ނަންބަރު 2012/R-20 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 29 ވަނަ މާއްދާގެ (ހ) ގައި، ބަޔާންކޮށްފައި ވީނަމަވެސް، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށްޓަކައި، ޗެނަލް ޕެކޭޖްތައް ފާސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޕެކޭޖްތައް ފާސްކޮށް، ކޮމިޝަނުން ހުއްދަ ދިނުމުގައި، ޕެކޭޖްގައި ހިމަނާފައިވާ ޗެނަލްތަކީ ކްލެސިފައިކޮށްފައިވާ ޗެނަލްތަކެއްކަން، ކޮމިޝަނުން ކުރިން ކަށަވަރުކޮށްފައި ނުވާކަން މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމާއި،

ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން 17 ސެޕްޓެންބަރު 2020ގައި ފޯރުކޮށްދީފައިވާ، އެ ބިއުރޯރިން ކްލެސިފައިކޮށްފައިވާ ޗެނަލްތަކުގެ ލިސްޓްއަށް ނަޒަރުކުރާއިރު، ސްޓަރ ގޯލްޑް، ސްޓަރ ޕްލަސް، ފޮކްސް ނިއުސް، ޕީސް ޓީވީ، ޓެން ސްޕޯޓްސް އެޗް.ބީ.އޯ، ޒީ ސްޓޫޑިއޯ އަދި ޓްރޭސް ޓީވީ ފަދަ ބައެއް ޗެނަލްތައް ރިޕީޓްކޮށް އެކި ތާރީޚްތަކުގައި، ތަފާތު ކުންފުނިތަކުން ކްލެސިފައިކުރުމަށް އެބިއުރޯއަށް ހުށަހެޅުމުން ކްލެސިފައިކޮށްދީފައިވާކަން ފާހަގަކުރެވިފައިވާތީއާ،

މިމައްސަލަ ދިރާސާކޮށް ބެލިބެލުމުން، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުން ކްލެސިފައިކޮށްފައިނުވާ ބައެއްޗެނަލްތައް އެފަރާތުގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާއިފައިއެވަނީ، ކޮމިޝަނުން ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްގެ ސަބަބުން ކަމަށް ފެންނާތީއާއި، މިކަންކަމަށް ރިއާޔަތްކޮށް، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްއިން ކްލެސިފައިނުކޮށް އެފަރާތުގެ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ ޗެނަލްތައް ކްލެސިފައިކުރުމަށް 90 ދުވަހުގެ މުއްދަތެއް ދިނުމަށާއި، ކުރިމަގުގައި ޗެނަލްތައް ކްލެސިފައިކޮށްގެން ނޫނީ ރީބްރޯޑްކާސްޓް ނުކުރުމަށާއި، ރާއްޖޭގައި ކްލެސިފައިކޮށްފައިވާ ޗެނަލްތަކުގެ ލިސްޓެއް ސިސްޓަމެޓިކްކޮށް އެންމެނަށް ފަސޭހައިން ފެންނާނެ ނިޒާމެއް ނުވަތަ ކްލެސިފައިޑް ދަފްތަރެއް، ކޮމިޝަނުންވެސް އެކުލަވާލުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

31 އޮގަސްޓް 2021