ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓް” ދިޓީވީ އަދި ދިއެފް.އެމް ޕްލަސްއިން ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެފަރާތްތަކަށް އަންގައިފި

March 22, 2014

ދި ޓީވީ އަދި ދި އެފް.އެމް ޕްލަސް އިން 21 މާޗް 2014 ވަނަ ދުވަހުގެ 20:00ގެ ހަބަރު ގަޑީގައި ދައްކާފައިވާ “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓް” އަކީ ކޯލިޝަން ކެނޑިޑޭޓުންނަށް ވޯޓު ދޭންވީ ސަބަބުތައް ބަޔާންކުރާ ރިޕޯޓެއް ކަމަށް ބުނެ އިލެކްޝަން ކޮމިޝަންގެ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަށް ޝަކުވާ ހުށަހަޅާފައިވާކަމަށް މި ކޮމިޝަނަށް އަންގާފައިވާތީ، މިމައްސަލަ ބަލާ ނިމެންދެން، 23 މާޗް 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގެ ކުރިން “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓް” ދިޓީވީ އަދި ދިއެފް.އެމް ޕްލަސްއިން ބްރޯޑްކާސްޓް ނުކުރުމަށް މި ކޮމިޝަނުން އެފަރާތްތަކަށް ވަނީ އަންގާފައެވެ.

   ޤާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު)ގެ 44 ވަނަ މާއްދާގައިވާ ގޮތުން، އިންތިޙާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ލިބޭފަދަ ނުވަތަ ތާއީދުކުޑަވާފަދަ ނުވަތަ އިންތިޙާބަށް ނުފޫޒެއް ފޯރަފާނެ އެއްވެސް އަމަލެއް 21 މާޗް 2014 ވާ ހުކުރު ދުވަހުގެ ހަވީރު06:00 އިން ފެށިގެން 23 މާޗް 2014 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށް އަންގާފައެވެ.