ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ޢަމަލުނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފި

April 20, 2017

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ޢަމަލުނުކުރުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ، މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލަރއެވެ.

2017”މެއި 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ މަސައްކަތައް ހުރަސްއެޅޭ ފަދަ ގޮތަކަށް އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި އިންތިހާބީ މަރުކަޒުގެ ތެރެއަށް ވަދެ އެތަނުގެ ތެރޭގައި ފޮޓޯއާއި މަންޒަރު ރެކޯޑުކޮށް، ސިޔާސީ އެކި ފަރާތްތަކާއި އިންޓަވިއުކުރުން ފަދަ ކަންކަން ބައެއް ބްރޯޑްކާސްޓަރުން ކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބެމުންދާތީ ދަންނަވަމެވެ.

މިފަދަ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވިދާ ފަދަ ކަންކަމަށް ވާތީ މިފަދަ އަމަލުތަކުން ދުރުވެތިބުމަށް ނަސޭހަތްތެރިވަމެވެ. ހަމަ އެހެންމެ، އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ އިމުގެ ތެރެއިން  މަސައްކަތް ކުރުމަށް ސަމާލުކަން ދެއްވުމަށް  ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.”