ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އިލްތިމާސްކުރުން

May 25, 2023

ސަރކިއުލަރ

427-BUR/CIR/2023/4  ނަންބަރ:

ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އިލްތިމާސްކުރުން

ބްރޯޑްކާސްޓަރުން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، އަދި ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމުގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ.

އަދި ޒިންމާދާރު، ހަމަހަމަ، ނޫސްވެރިކަމެއް ކުރުމުގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި، ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ބަސް ހިމަނައިގެން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

މީގެއިތުރުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް ދަންނަވަމެވެ. މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ވެސް އިލްތިމާސްކުރަމެވެ.

25 މެއި 2023