މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކުރުން

February 7, 2023

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2023/3

 

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިލްތިމާސްކުރުން

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް 6 ފެބްރުއަރީގައި ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުމެއް، ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާވެފައިވާތީ، އެކަމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ.

މި އެއްވުން ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް، އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ބައެއް އާންމުންގެ ފަރާތުން އެކިވަރުގެ ހުރަސްތައް ކުރިމަތިވެފައިވާތީ، އެކަމަކީ ވެސް މި ކޮމިޝަނުން ވަރަށް ކަންބޮޑުވާކަމެއް ކަމުގައި ދަންނަވަމެވެ.

މި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން، ކޮމިޝަނުން ދަނީ ޚާއްސަ ސަމާލުކަމެއްދީގެން މޮނިޓަރިންގ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ ކަންތައްތަކަށް ބޭނުންވާ ދާޢިމީ ޙައްލު ގެނައުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމުގައިވެސް ދަންނަވަމެވެ.

އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ.

7 ފެބްރުއަރީ 2023