އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުން

September 7, 2023

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2023/7

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓްނުކުރުން

 

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

އެހެންކަމުން، 9 ސެޕްޓެމްބަރ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެނޑިޑޭޓަކަށް ތާއިދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް، 8 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި މަތީގައި ބަޔާންކޮށްފައިވާ މާއްދާއާ ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، މި ކަމަށް ސަމާލުވުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

7 ސެޕްޓެމްބަރ 2023