“އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން” އަށް އަމަލުކުރުމަށް އިލްތިމާސްކުރުން

September 13, 2023

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2023/8

 

“އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން” އަށް އަމަލުކުރުމަށް އިލްތިމާސްކުރުން

“އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” އަކީ (ޤާނޫނު ނަންބަރ 11/2008) އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައވާ މަޤުސަދުތައް ހާސިލްކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނެކެވެ.

އެހެންކަމުން މި ގައިޑްލައިންގައި، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، އަދި ކޮމާޝަލް ބްރޯޑްކާސްޓަރުންނަށް ކަނޑައަޅުއްވާފައިވާ މަސްޢޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ.

އެގޮތުން ވޯޓަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރުމާއި، ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތުދިނުމުގައި ހަމަހަމަ އުސޫލު ގެންގުޅުމާއި، ޚަބަރު ގެނެސްދިނުމުގައި ވަކިފަރާތަކަށް ނުޖެހި، އިންސާފުވެރިކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެ ބޮޑަށް އަދާކުރަންޖެހޭ ފަރާތަކީ، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ ކަމަށް ވީހިނދު އެކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރަށް ކޮމާޝަލް ބްރޯޑްކާސްޓަރުންވެސް، އިންތިޚާބުތަކާބެހޭ އާއްމު ޤާނޫނުގެ 30ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އަމަލުކުރުމުގެ އިތުރަށް، ވަކިފަރާތަކަށް ނުޖެހުމާއި އިންސާފުވެރިކަމާއެކު ޚަބަރާއި ކަރަންޓް އެފެއަރޒް ޕްރޮގްރާމްތައް ގެނެސްދިނުމަށް އިލްތިމާސް ކުރަމެވެ.

އަދި ހަމަ އެހެންމެ ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތާއި ޚަބަރު ގަޑިތަކުގައި ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް އެއަރޓައިމް ދީފައިވާ ގޮތުގެ ރެކޯޑް ބެލެހެއްޓުމަށް، ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ އަދި ކޮމާޝަލް ބްރޯޑްކާސްޓަރުންނަށްވެސް އިލްތިމާސްކުރަމެވެ.

އެހެންކަމުން އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ޚަބަރު ކަވަރު ކުރުމާއި، ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން އާއި އެއްގޮތަށް އަމަލުކުރުމަށާއި، އަދި ކޯޑް އޮފް ޕްރެކްޓިސް އަދި ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ ތެރެއިން ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އާންމު ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އެއްބާރުލެއްވުންވެސް މި ފުރުސަތުގައި މި ކޮމިޝަނުން ފާހަގަކުރަމެވެ.

 

13 ސެޕްޓެމްބަރ 2023

 

“އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން”