ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފި

April 30, 2015

“ސަލާމަތީ ބާރުތަކާއި ސަރުކާރާ ދެކޮޅަށް އާންމުން ތެދުވުމަށް ގޮވާލުމާއި، ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް ހަމަނުޖެހުންތައް ހިންގުމަށް، ބައެއް ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ މެދުވެރިކޮށް ގޮވާލާ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަންބޮޑުވުންތައް ވަނީ މި ކޮމިޝަނާ ހިއްސާކުރައްވައިފަ އެވެ.

ވީމާ، ސިޔާސީ އެކިއެކި ހަރަކާތްތައް ހިންގަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގަމެވެ. މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދަންނަވަމެވެ.

ވީމާ ހުރިހާ ބްރޯޑްކާސްޓަރުން ވެސް މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދެމެވެ.”