ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އަހަރީ ފީ ދެއްކުމަށް ކޮމިޝަނުން އަންގައިފި

December 22, 2015

ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ފްރީކުއެންސީއަށް މިހާތަނަށް ނުދައްކާ ހުރި އަހަރީ ފީ އާއި ޖޫރިމަނާ ދެއްކުމަށް، ކޮމިޝަނުން ވަކި ވަކިން ފޮނުވި ދެ ސިޓީގައި މިއަދު އަންގާފައިވަނީ އެޓޯލް ވޭވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަށެވެ.

މި ދެ ބްރޯޑްކާސްޓަރުންނަށް ފޮނުވާފައިވާ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެންމެހާ ފީއާއި ޖޫރިމަނާއަށް ވާ ފައިސާ 31 މާރޗް 2016 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ކޮމިޝަނަށް ދެއްކުމަށާއި އެ ތާރީޚުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، އެ ފަރާތްތަކަށް ދޫކޮށްފައިވާ ފްރީކުއެންސީ ބާތިލްކުރުމުގެ ކަންކަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދާނޭ ކަމުގައެވެ.