ޖަޕާނުގެ ހިލޭ އެހީގެ ދަށުން ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީއެއް ރާއްޖޭގައި ގާއިމްކޮށްދޭން ނިންމުމާ ގުޅިގެން މަރުހަބާ ކިޔައިފި

April 20, 2014

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީ އެއް ރާއްޖޭގައި ގާއިމްކޮށްދޭން ނިންމުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ 20 މިލިޔަން ޑޮލަރަށްވުރެ އަގުބޮޑު “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން ޓެރެސްޓްރިއަލް” ސިސްޓަމް ނުވަތަ (އައިއެސްޑީބީޓީ) ރާއްޖޭގައި ގާއިމް ކުރެވުމުން، ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލެވި، އެ ސިސްޓަމްގެ ސަބަބުން ދިވެހި ގިނަ ޗެނަލްތަކެއް ޓެރަސްޓްރިއަލްކޮށް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ބްރޯޑްކާސްޓިން ފަދަ ޚަރަދު ބޮޑު ސިނާއަތެއް ފުޅާކޮށް، ދެމެހެއްޓުމަށްޓަކައި، މި ސިނާއަތުގެ ހިއްސާދާރުން ކަމުގައިވާ ބްރޯޑްކާސްޓަރުންނަށް، އެ މީހުންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް، ވަރަށް ޚަރަދު ކުޑަ ގޮަތަކަށް ފޯރުވައިދިނުމަށް ހުޅުވިގެންދާނޭ ރަނުގެ ފުރުސަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މި ދީލަތި އެހީ ޖަޕާނު ސަރުކާރުން ދޭން ނިންމެވި ކަމަށްޓަކައި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށާއި ޖަޕާނު ސަރުކާރާ މަޝްވަރާކޮށް އެކަން ފަހިކޮށްދިނުމަށް ކުރެއްވި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް، ދިވެހިރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންގެ ނަމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ޖަޕާނުގެ މި ސިސްޓަމް ޓީވީ މޯލްޑިވްސްއަށް ތައާރަފްކުރުމަށް، ޖަޕާނު ސަރުކާރުގެ އިސްނެގުމަކަށް، 2007 އިން ފެށިގެން އައީ މަޝްވަރާކުރެވި، މަސައްކަތް ކުރަމުންނެވެ. ޖަޕާނު ސަރުކާރުގެ މައިގަނޑު ޝަރުތަކަށް ވެފައި އޮތީ އައިއެސްޑީބީޓީ އަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރެވޭނެ ގައުމީ ސްޓޭންޑަޑު ކަމުގައި އެންޑޯޒްކުރުމެވެ.

މި މަރުހަލާތަކުގެ ތެރޭގައި ވަނިކޮށް، 2011 ވަނަ އަހަރު މި ކޮމިޝަން ވުޖޫދަށް އައުމާ ގުޅިގެން، ޖަޕާނު ސަރުކާރުގެ އެކި ފެންވަރުގެ ވަފުދުތަކުން އެކި ފަހަރުމަތިން މި ކޮމިޝަނާ ވެސް ބައްދަލުކޮށް، މި ކަމާ ގުޅޭ މަޝްވަރާތައް ވަނީ ކޮށްފަ އެވެ. މި ކޮމިޝަންގެ ސިޔާސަތަކަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ވެފައި އޮތީ، ރާއްޖޭގައި 2007 އިން ފެށިގެން އުފެދިފައިވާ ޕްރައިވެޓް ބްރޯޑްކާސްޓަރުން ވެސް ހިމެނިގެން، ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކަމުގެ މަންފާ ލިބިދެނިވި ގޮތަކަށް ނޫން ގޮތަކަށް، ބްރޯޑްކާސްޓްކުރެވޭނެ ގައުމީ ސްޓޭންޑަޑެއް ދިވެހިރާއްޖެއިން އެންޑޯޒް ނުކުރުމެެވެ.

މި ކޮމިޝަނަށް މަތިކޮށްފައިވާ ބްރޯޑްކާސްޓިންގ ދާއިރާ ރެގިއުލޭޓްކުރުމުގެ ޤާނޫނީ ޒިންމާގެ ދަށުން، ޑިޖިޓަލް ބްރޯޑްކާސްޓިންގ އަށް ހިޖުރަކުރުމާ ބެހޭ ނެޝަނަލް ރޯޑްމެޕް ޓީމެއް 2012 ވަނަ އަހަރު އުފައްދައި، އެ ޓީމްގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ޔޫނިއަން ނުވަތަ އައި.ޓީ.ޔޫގެ އެހީގައި ރޯޑް މެޕެއް ވަނީ އެކުލަވާލައިފައެވެ. އަދި އެ ރޯޑްމެޕްގައިވާ ގޮތުން، ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ބްރޯޑްކާސްޓަރުންނަށް ވެސް މަންފާކުރަނިވި ގޮތަކަށް ޑިޖިޓަލް ބްރޯޑްކާސްޓިންގ ނެޝަނަލް ނެޓްވޯކެއް ހެދުމަށާއި ރާއްޖޭގައި އެންޑޯޒްކުރެވޭ ޓެކްނޯލޮޖީ އަކީ މި ނެޓްވޯކްގެ ތެރެއިން ހުރިހާ ބްރޯޑްކާސްޓަރުންނަށް ވެސް ރައިޑްކުރެވޭނޭ ފަދަ ނެޓްވޯކެއް ކަމުގައި ވާންޖެހޭނޭ ކަމަށް ވަނީ ރޯޑްމެޕްގައި ހިމަނައިފަ އެވެ.

މީގެ އިތުރުން، ޖަޕާނުގެ އައި.އެސް.ޑީ.ބީ.ޓީ ޓެކްނޯލޮޖީއަކީ ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާނެ ގައުމީ ސްޓޭންޑަޑު ކަމަށް ލާޒިމުކުރާ ކަމުގައި ވާނަމަ، ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް އެކަމުގެ މަންފާ ހަމަހަމަ ގޮތެއްގައި ލިބިދެނިވި ގޮތަކަށް އަދި މުޅި ރާއްޖެ އަށް ހިދުމަތް ދެވޭ ގޮތަށް މި ފަދަ ޑިޖިޓަލް ނެޓްވޯކެއް ޤާއިމްކުރުމާއި މީހުން ތަމްރީނުކުރުމާއި އާންމު ރައްޔިތުން އަހުލުވެރިކުރުވުމާ ގުޅޭ ހުރިހާ ޚަރަދުތައް ލިބޭނޭ ފަދަ ގޮތަކަށް ޝަރުތުކުރަން ފެންނަ ކަމަށް މި ކޮމިޝަނުން ދިވެހި ސަރުކާރަށް ވާނީ ލަފާދީފައެވެ.