އަހަރީ ރިޕޯޓް މިހާތަނަށް ހުށަނާޅާ ދެ ބްރޯޑްކާސްޓަރުންނަށް ރިޕޯޓް ހުށަހެޅުމަށް އެންމެ ފަހުގެ ތާރީޚް ދީފި

November 18, 2013

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފާއިތުވި އަހަރުގެ ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ދެވިފައިވާ އެންމެ ފަހުގެ މުއްދަތު ހަމަވިއިރުވެސް ރިޕޯޓް ހުށައަޅާފައިނުވާ އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި ޓީވީ 5 ޕްރައިވެޓް ލިމިޓެޑް އަށް އެންމެ ފަހުގެ ތަރީޚެއް ދިނުމަށްފަހު، އެ ތާރީޚްގައި ހުށަނާޅައިފިނަމަ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އުފުލުމަށް ހުށަހަޅާނެކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި އެވެ.

   ތިރީގައި މިވަނީ މި ކަމާއި ގުޅޭގޮތުން އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަދި ޓީވީ 5 ޕްރައިވެޓް ލިމިޓެޑަށް  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން 07 ނޮވެމްބަރ 2013 ވަނަ ދުވަހު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

   “ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ) 1. ދަށުން މި ކަން ރަނގަޅުކުރުމަށް 19 އޯގަސްޓް 2013ވަނަ ދުވަހު އަންގާ 26 އޯގަސްޓް 2013އާ ހަމައަށް ދެވުނު މުއްދަތުގައާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44ވަނަ މާއްދާގެ (ހ) 2. ގެ ދަށުން ޤާނޫނައި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެކަމުގައި ބަޔާންކޮށް 15 ސެޕްޓެމްބަރ 2013ވަނަ ދުވަހު އިންޒާރެއްދީ އަދި އަހަރީ ރިޕޯޓް ހުށަހެޅުމަށް 22 ސެޕްޓެމްބަރ 2013އާހަމައަށް ދެވުނު މުއްދަތުގައިވެސް މި ރިޕޯޓް ހުށަހަޅާފައިނުވާތީ ދަންނަވަމެވެ.

   2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 25 ނޮވެމްބަރ 2013ގެ 15:00ގެ ކުރިން ކަމުގައި ތިޔަ ފަރާތަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި މިއެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތިޔަފަރާތުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އުފުލަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ވަހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.”