އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެއްވެ އުޅުންތައް ކަވަރުކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކާޑުގެ ބޭނުން ކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

February 25, 2015

ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ކޮމިޝަނުން އެކުލަވާލާފައިވާ އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދާ )ގަވާއިދު ނަންބަރު:2013/R-27) އެއްގޮވާގޮތުގެ މަތީން އެއްވެ އުޅުންތައް ކަވަރުކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކާޑުގެ ބޭނުން ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން، ކޮމިޝަނުން ޢާންމު ކޮށްފައިވާ ސަރކިއުލަރގައި އިތުރަށް ބަޔާން ކޮށްފައިވަނީ، ކާޑު ހެއްދެވުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމްއާއި އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓަރުން މިފަދަ ދަނޑިވަޅުތަކުގައި ސަމާލުވާންވީ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ކޮމިޝަނުން ވޭތުވެ ދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައިވެސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުން ކަވަރުކުރުމަށް ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ ކާޑުގެ ބޭނުން އެއްވެ އުޅުންތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރެއްވުމަށް އެދިވަޑައިގެންފައެވެ.