ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ބައިނަލްއަގުވާމީ އެވޯޑެއް ހާސިލްކުރުމުން ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފި

July 15, 2015

ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ބައިނަލްއަގުވާމީ އެވޯޑެއް ހާސިލްކުރުމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކާމިޔާބާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، ޕަބްލިކް ސަރވިސް މީޑިއާގެ މެނެޖިން ޑައިރެކްޓަރ އިބްރާހީމް ޚަލީލަށް މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

          “އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓްގެ ރޭޑިއޯ އެވޯޑްސް 2015ގެ “ބެސްޓް ރޭޑިއޯ ޕްރޮގްރާމް އޮން ހައިލައިޓިންގ ސައިންސް ޓު ދަ ޕަބްލިކް” ކެޓަގަރީ އިން ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހިރާއްޖޭގެ އަޑުގެ “ލެޓްސް ލާރން ސައިންސް” ޕްރޮގްރާމް، އެވޯޑް ޙާސިލްކުރުމާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި މަރުހަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ.

          “ޕަބްލިކް ސަރވިސް މީޑިއާ އިން ތިޔަ ހޯއްދެވި ކާމިޔާބީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ލިބިގެންދިޔަ ވަރަށް ފަޚްރުވެރި ކާމިޔާބީއެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

          “އަޅުގަނޑުގެ އުއްމީދަކީ އަދި އެދުމަކީ، ކުރިމަގުގައި ވެސް ޕީ.އެސް.އެމް އަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބިގެންދިއުމެވެ.”

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ވަނީ ޕަބްލިކް ސަރވިސް މީޑިއާގެ މެނެޖިން ޑައިރެކްޓަރ އިބްރާހީމް ޚަލީލަށް މިއަދު ފޯނުން ގުޅުއްވައި ވެސް މަރުހަބާ ދަންނަވައި، އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ސާފު ކުރައްވައިފަ އެވެ.