ރާއްޖޭގައި ޑިޖިޓަލް ޓްރެސްޓްރިއަލް ބްރޯޑްކާސްޓިންގ ފެށުމަށް ދިރާސާކުރާ ޖަޕާނުގެ ޓީމާ ކޮމިޝަނުން ބައްދަލުކޮށްފި

October 14, 2014

ރާއްޖޭގައި ޑިޖިޓަލް ޓްރެސްޓްރިއަލް ބްރޯޑްކާސްޓިންގ ފެށުމަށް ދިރާސާކުރާ ޖަޕާނުގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.

މި ދިރާސާ އަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި އަހަރު އެޕްރީލް މަހުގެ ތެރޭގައި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބޭއްވެވި މަޝްވަރާތަކާ ގުޅިގެން، ޖަޕާނުގެ ބްރޯޑްކާސްޓިން ޓެކްނޮލޮޖީ ކަމަށްވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” ސިސްޓަމް ނުވަތަ އައި.އެސް.ޑީ.ބީ.ޓީ ރާއްޖެ އަށް ހިލޭ އެހީގެ ގޮތުން ދެއްވަން ނިންމެވުމުން އެކަމާ ގުޅިގެން ކުރިއަށްދާ ދިރާސާއެކެވެ.

މިގޮތުން މި އޮކްޓޯބަރުގެ 14 އިން 30 ގެ ނިޔަލަށް ޖައިކާގެ ފަރާތުން ކުރާ މި ދިރާސާގައި ރާއްޖޭގެ ބްރޯޑްކާސްޓިންގ ސެކްޓަރުގެ ހާލަތު ދެނެގަނެ، ބްރޯޑްކާސްޓިންގ އާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކާއި އަދި ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅުން ހުރި މުއައްސަސާތަކާއި އަދި ޕަބްލިކް ސަރވިސް އާއި ޕްރައިވެޓް ބްރޯޑްކާސްޓަރުންނާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖައިކާގެ ސާރވޭ ޓީމުން، މި ކޮމިޝަނުގެ އިތުރުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޔޫ.އެން.ޑީ.ޕީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ބައްދަލުކުރުމަށް ވަނީ ނިންމައިފައެވެ.

ޖައިކާގެ ސާރވޭ ޓީމާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވަނީ ޖައިކާގެ ސަރވޭ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ކޮމިޝަންގެ ރައީސް ވިދާޅުވީ ދިވެހި ހުރިހާ ބްރޯޑްކާސްޓަރުންގެ ސިގްނަލް މުޅި ރާއްޖެ އަށް ފޯރުކޮށްނުދެވެނީ، އެފަދަ ނެޓްވޯކެއް ރާއްޖޭގައި ގާއިމުވެފައި ނެތުމުން ކަމަށާއި އެއީ އަގުބޮޑު ޓެކްނޮލޮޖީއަކަށް ވުމުން އެކަން މިހާތަނަށް ކުރެވިފައި ނެތީ ކަމަށެވެ. ނަމަވެސް ޖަޕާނުގެ އައި.އެސް.ޑީ.ބީ.ޓީ ރާއްޖޭގައި ގާއިމްކުރެވުމުން، ޑިޖިޓަލް ބްރޯޑްކާސްޓިން ނެޓްވޯކަކުން މުޅި ރާއްޖެ ގުޅާލެވި، އެ ސިސްޓަމްގެ ސަބަބުން ދިވެހި ގިނަ ޗެނަލްތަކެއް ޓެރަސްޓްރިއަލްކޮށް ދިވެހި ރައްޔިތުންނަށް ލިބިގެންދާނެތީ އެކަމާ ވަރަށް އުފާކުރައްވާ ކަމުގައި ޝަހީބު ވިދާޅުވި އެވެ. އަދި 20 މިލިއަން ޑޮޮލަރަށްވުރެ އަގުބޮޑު މި ޕްރޮޖެކްޓް ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދެއްވާތީ ޖަޕާނުގެ ބޮޑުވަޒީރަށާއި ޖަޕާނުގެ ރައްޔިތުންނަށް މި ފުރުސަތުގައި ވެސް ޝުކުރު ދަންނަވާ ކަމުގައި ޝަހީބު ވިދާޅުވި އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓަރުން އެނަލޮގުން ޑިޖިޓަލް އަށް ހިޖުރަކުރުމާ ބެހޭ ހޮތުން، ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ)ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ ފައިނަލް ޑްރާފްޓް ކޮމިޝަންގެ ފަރާތުން ވަނީ ޖައިކާ ސަރވޭ ޓީމާ ހިއްސާކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސްގެ އިތުރުން ނައިބު ރައީސް އަބްދުﷲ ޝުޖާއު އާއި ކޮމިޝަނަރ އިބްރާހިމް އަޝްރަފާއި ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ ބައިވެރިވެވަޑައިގަތެވެ.