ރޯލް އޮފް މީޑިއާ އިން އިމަރޖެންސީސް، ޑިޒާސްޓަރ އެންޑް ވައަލެންސް ޕްރިވެންޝަން ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

August 28, 2014

މޯލްޑިވްސް ރެޑް ކްރެސެންޓާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގުޅިގެން “ރޯލް އޮފް މީޑިއާ އިން އިމަރޖެންސީސް، ޑިޒާސްޓަރ އެންޑް ވައަލެންސް ޕްރިވެންޝަން”ގެ ނަމުގައި ބޭއްވި ވާރކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި ވޯކޮޝޮޕް ނިންމުން ފާހަގކުރުމުގެ ގޮތުން މިއަދު ޝީ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ފުއާދެވެ. މި ރަސްމިއްޔާތުގައި، ވޯކްޝޮޕްގެ ބައިވެރިންނާ މުޙާތަބުކޮށް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި، ޤައުމަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުގައި ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ފޯރުވައި ދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރާ ފަރާތްތަކަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ކަމުގައި ފާހަގަކުރައްވައި، ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ތަމްރީނުގެ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ހިއްޕެވުމަށް އެދިވަޑައިގަތެވެ.

މި ވޯކްޝޮޕް ބޭއްވުމުގެ މަގްސަދަކީ ޤައުމަށް ދިމާވާ ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ޙާދިޞާތައް އަދި ހަލަބޮލި ހާލަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަވަރު ކުރުމަށް ބްރޯޑްކާސްޓަރުންނަށް ދަސްކޮށްދިނުމުމަށް އެފަރާތްތަކުގެ މުއައްޒަފުން ތަމްރީނު ކުރުމެވެ.

ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި ވާރކްޝޮޕްގައި ތަމްރީން ދެއްވާފައިވަނީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓާއި ކެނޭޑިއަން ރެޑް ކްރޮސްގެ ކަމާބެހޭ މާހިރުންނެވެ.

ރާއްޖޭގެ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ އިތުރުން ޕްރިންޓް އަދި އޮންލައިން މީޑިއާގެ މަސައްކަތްކުރާ ފަރާތެއް މި ވާރކްޝޮޕްގައި ބައިވެރިވެ ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.