އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިންގެ ދެލިކޮޕީ ބްރޯޑްކާސްޓަރުންގެ ޚިޔާލަށް ފޮނުވައިފި

July 25, 2013

އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވައިލައި، އެ ގައިޑްލައިނަށް ބްރޯޑްކާސްޓަރުންގެ ޚިޔާލު ހޯދުމަށް ފޮނުވައިފިއެވެ.

“އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން” އަކީ އިންތިހާބާ ބެހޭ ކަންތައްތަކުގައި ޞައްޙަ އަދި ތެދު މަޢުލޫމާތު ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓަރުންނަށް މަގު ދައްކައިދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ގައިޑްލައިނެކެވެ. މި ގައިޑްލައިން އެކުލަވައިލާފައި ވަނީ ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ފަންނީ ތަޖުރިބާކާރެއްގެ އެހީގަ އެވެ.

ޖުމްލަ 10 މާއްދާގެ މައްޗަށް އެކުލެވޭ މި ގައިޑްލައިން މިހާރު ވަނީ ބްރޯޑްކާސްޓަރުންގެ އިތުރުން ކަމާ ގުޅުން ހުރި އެހެން ފަރާތްތަކުގެ ހިޔާލު ހޯދުމަށް ހިއްސާކޮށްފައެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް، ޓްރާންސްޕޭރަންސީ މޯލްޑިވްސް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް އާއެކު ވަނީ މި ގައިޑްލައިން ހިއްސާކޮށްފައެވެ. ދެލިކޮޕީ އަށް ސްޓޭކް ހޯލްޑަރުންގެ ހިޔާލު ލިބުމުން ގެންނަން ފެންނަ އިސްލާހުތައް ގެނައުމަށްފަހު މި ގައިޑްލައިން ސަރުކާރު ގެޒެޓްގައި ވަރަށް އަވަހަށް ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.