އޭ.އައި.ބީ.ޑީ.ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕީ.އެސް.އެމް.ގެ މެނޭޖިންގ ޑިރެކްޓަރ އިންތިޚާބުވުމާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފި

August 20, 2015

އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް އިންތިޚާބުވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފިއެވެ.

ތިރީގައި މި ވަނީ މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލަށް މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

            “19 އޮގަސްޓް 2015 ގައި ތައިލޭންޑްގައި ބޭއްވުނު، އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓް ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ)ގެ އާއްމު ޖަލްސާގައި، އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިބްރާހީމް ޚަލީލަށް މަރުހަބާއާއި ތަހުނިޔާ އަރިސްކުރަމެވެ.

            އިބްރާހީމް ޚަލީލް ތިޔަ ހޯއްދެވި ކާމިޔާބީއަކީ ބްރޯޑްކާސްޓް ދާއިރާގައި ކުރައްވަމުންގެންދަވާ އަގުހުރި މަސައްކަތަށާއި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ލިބިގެންދިޔަ ވަރަށް ފަޚްރުވެރި ކާމިޔާބީއެކެވެ. އަދި އޭ.އައި.ބީ.ޑީއަށް ވެސް މީގެ ސަބަބުން އިބްރާހީމް ޚަލީލްގެ އަގުހުރި ޚިދުމަތް ލިބިގެންދާނޭކަމުގައި ޔަގީންކުރަމެވެ.

            އަޅުގަނޑުގެ އުއްމީދަކީ އަދި އެދުމަކީ، މުސްތަޤްބަލުގައިވެސް ބްރޯޑްކާސްޓް ދާއިރާގައި އިބްރާހީމް ޚަލީލް ކުރައްވާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކާއި ކާމިޔާބީ ލިބިގެންދިއުމެވެ.”