މީލާދީ އައު އަހަރުގައި ހުރިހާ ބްރޯޑްކާސްޓަރުން ވެސް އިތުރަށް ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ގޮވާލައްވައިފި

January 1, 2014

މި ފެށޭ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރީންނަށާއި އެހުންތެރީންނަށް ހެޔޮއެދުމާއި ތަހުނިޔާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ.  މި މުނާސަބަތާގުޅިގެން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ނެރުއްވި މެސެޖްގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް އައު އަހަރާ ކުރިމަތިލާއިރު މިހާރަށް ވުރެ ޒިންމާދާރުކަމާއެކީ ބްރޯޑްކާސްޓްކުރުމަށް އަޒުމު ކަނޑައެޅުމަށް ވެސް ގޮވާލެއްވިއެވެ.

ތިރީގައި މިވަނީ މި މުނާސަބަތުގައި މޯލްޑިވްސްބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސްނެރުއްވި މެސެޖެވެ.

“މީލާދީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރިންނަށާއި އެހުންތެރިންނަށް އަރިސްކުރަމެވެ. އަދި ހަމަ މި ނޭވާގައި އައު އަހަރާއި ވިދިގެން އަޅުގަޑުމެންނާ ބައްދަލު މި ކުރާ އަޅުގަޑުމެންގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ހަނދާންތައް އައުކޮށް އެ މުނާސަބަތުގައި ވެސް ހެޔޮ ގޮތްތައް މިންވަރުކުރެއްވުން އެދި ދުއާކުރަމެވެ.

“ރާއްޖޭގެ ބްރޯޑްކާސްޓިންގ ގެ ތާރީޚުގައި، ފާއިތުވެ ދިޔަ އަހަރަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އަހަރެކެވެ.  ލައިސަންސް ދޫކޮށްފައިވާ 13 ބްރޯޑްކާސްޓަރެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިޔައެވެ. އަދި ތަފާތު ގޮންޖެހުންތަކާ އެކުވެސް މި ޗެނެލްތަކުގެ ޚިދުމަތް ފޯރުވައި ދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. ޚަބަރާއި މައުލާމާތު ގެނެސްދިނުމުގައި ބްރޯޑްކާސްޓަރުންގެ ދައުރަކީ ނުހަނު މުހިއްމު ދައުރަކަށް ވާއިރު، އެ ފަރާތްތަކުން ގެންސްދީފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ގެންސްދެވޭ ކޮންޓެންޓަކަށް ވާނެ ޖެހެއެވެ. ނަމަވެސް، ތަފާތު ސަބަބުތަކާހުރެ ޤައުމަށް ދިމާވި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ވެސް އެފަރާތްތަކުގެ ޒިންމާއަކީ ކޮބައިކަން ހަނދާންނެތި ކޮންޓެންޓް ފޮނުވުނު ހާލަތްތަކެއް ވެސް އަޅުގަޑުމެން ވަނީ ދެކެފައެވެ.

“ބްރޯޑްކާސްޓިންގ ދާއިރާގެ ޒިންމާދާރުކަން އިތުރުކުރުމަށް މި ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އޭގެ ތެރޭގައި ތަފާތު ހާލަތްތަކުގައި ބްރޯޑްކާސްޓްކުރުމަށް ގެންގުޅެންވީ އުސޫލުތަކާއި މިންގަޑުތަކެއް ހިމެނޭ ގައިޑްލައިންތައް އާއްމުކުރެވި މި ކަންކަމަށް ބްރޯޑްކާސްޓަރުން އަހުލުވެރިކުރުމުގެ ގޮތުން ތަފާތު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުނުކަން ފާހަގަކުރެވެއެވެ. އަދި ކޯޑް އޮފް ޕްރެކްޓިސްއާ ޙިލާފުވާ ހާލަތްތަކުގައި ބްރޯޑްކާސްޓަރުން ހަމަ މަގަށް އެޅުވުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި މަސައްކަތްތައް ވެސް ކުރިޔަށް ގެންދެވުނެވެ.

“ރާއްޖޭގައި ބޭއްވުނު ރިއާސީ އިންތިޚާބާ ގުޅިގެން ޤައުމުގައި ދިވާމި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބްރޯޑްކާސްޓްކުރެވުނު ބައެއް ކޮންޓެންޓަކީ އަޅުގަޑުމެން އެންމެ ދެކޭ ހިތްވާފަދަ ގޮތަކަށް ގެނެސްދެވުނު ކޮންޓެންޓެއް ކަމަށް ދެންނެވޭކަށް ނެތެވެ. އެހެންވާން ޖެހުނު މައިގަޑު ސަބަބަކީ ގައިޑްލައިންތަކަށް ސަމާލުކަން ނުދެވުމެވެ.

“ކޮމިޝަނުން ނެރޭ ގައިޑްލައިންތަކުގެ މަޤްޞަދަކީ ތަފާތު ހާލަތްތަކުގައި ޞައްޙަ އަދި ތެދު މަޢުލޫމާތުހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށްމަގުފަހިކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓްޕްރެކްޓިސްގެ މައްޗަށް ބިނާކޮށް ކުރެވޭނޭ ކަންކަމާ ގުޅޭގޮތުންބްރޯޑްކާސްޓަރުންނަށް މަގު ދައްކައިދިނުމެވެ. މި ގޮތުން، އިންތިޚާބުތައް ކަވަރުކުރާނޭ ގޮތާއި މުޒާހިރާއާއި ހަލަބޮލި ހާލަތްތައް ކަވަރުކުރާނޭ ގޮތުގެ ގައިޑްލައިން އާއްމުކުރެވިފައި ވެއެވެ.