މޯލްޑިވްސް ރެޑް ކްރެސެންޓުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހަނދާނީ ފިލައެއް އަރުވައިފި

August 23, 2015

މޯލްޑިވްސް ރެޑް ކްރެސެންޓްގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެފަރާތުގެ މަސައްކަތްތަކުގައި އެއްބާރުލުންދޭ ފަރާތްތައް ފާހަގަކޮށް ދެވޭ ހަނދާނީ ފިލާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިއްޖެއެވެ.

މިއަދު މެންދުރުފަހު، ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި މި ފިލައާ ހަވާލުވެ ވަޑައިގަތީ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަރާތުން ފިލާ ހަވާލުކޮށްދެއްވީ ފަރސްޓް ވައިސް ޕްރެޒިޑެންޓް އާމިނަތު ނައުޝާންއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެފަރާތުގެ މަސައްކަތްތަކުގައި އެއްބާރުލުންދޭ ފަރާތްތައް ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެރުވުމުން އެކަމަށް ޝުކުރުއަދާކޮށް އަދި ކޮމިޝަނާއި އެމް.އާރް.ސީ ގުޅިގެން ހިންގާފައިވާ އެކި ހަރަކާތްތަކަށް އަލިއަޅުވާލައްވާ،  އެމް.އާރް.ސީ.ން މި ހަރަކާތްތަކަށް ވެދެއްވާފައިވާ އެހީތެރިކަމަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން، 2012 އަހަރު ވަނީ “ސެންސިޓައިޒޭޝަން ވާރކްޝޮޕް ފޯ މީޑިއާ-އޮން ރިޕޯޓިންގ އިން އިމާރޖެންސީސް އެންޑް ސިޓުއޭޝަންސް އޮފް ވައަލެންސް” އާއި 2014 އަހަރު ރޯލް އޮފް މީޑިއާ އިން އިމަރޖެންސީސް، ޑިޒާސްޓަރ އެންޑް ވައަލެންސް ޕްރިވެންޝަން ވާރކްޝޮޕް ބާއްވާފައެވެ. މީގެއިތުރުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ މިދިޔަ މެއި މަހު ބޭއްވި “އިންޓާރނަލް ކެޕޭސިޓީ ބިލްޑިންގ މީޑިއާ ޓްރެއިނިންގ”ގައި ކޮންސަލްޓަންސީ ދެއްވާފައެވެ.