ހެލްޕް ގާޒާ ޓެލެތޯންގެ ކާމިޔާބަށް ބްރޯޑްކާސްޓިން ކޮމިޝަނުން ތައުރީފުކޮށް ތަހުނިޔާ ފޮނުވައިފި

August 10, 2014

ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ގުޅިގެން އޯގަސްޓް 8ން 9ށް ކުރިޔަށްގެންދިޔަ “ހެލްޕް ގާޒާ” ޓެލެތޯންގެ ކާމިޔާބީ ފާހަގަކޮށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މަރުހަބާ އާއި ތަހްނިޔާ ފޮނުވައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މަރުހަބާ އާއި ތަހްނިޔާ ފޮނުވައިފައި ވަނީ “ހެލްޕް ގާޒާ” ޓެލެތޯންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ތަހުނިޔާގެ ސިޓީއެއްގަ އެވެ.

އެ ސިޓީގެ މުހިންމު ބައިތައް ތިރީގައި މި ވަނީ އެވެ.

“ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުން ގެންދާ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމުގެ މާތް މަޤްޞަދުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ގުޅިގެން އޯގަސްޓް 8ން 9ށް ކުރިޔަށްގެންދިޔަ 33 ގަޑިއިރާއި 30 މިނިޓުގެ “ހެލްޕް ގާޒާ” ޓެލެތޯން ރާވައި ހިންގުމުގައި ކުރެއްވި މުހިއްމު މަސައްކަތަށްޓަކައި މި ކޮމިޝަނުގެ ނަމުގައި ނުހަނު މަރުހަބާ އާއި ތަހްނިޔާ ދަންނަވަމެވެ.

“ހެލްޕް ގާޒާ ޓެލެތޯނަކީ އެހީ ހޯދުމަށް ރާއްޖޭގައި މިހާތަނަށް ހިންގުނު ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އިވެންޓްގެ ގޮތުގައި ވެގެންދިޔަ ހަރަކާތެވެ. މިއީ، ރާއްޖޭގެ ބްރޯޑްކާސްޓަރުން އިސްނަގައިގެން ކުރިޔަށްގެންދިޔަ މި މުހިއްމު ޤައުމީ މަސައްކަތުގައި ސަރުކާރާއި ވިޔަފާރި ކުންފުނިތަކާއި އެހެނިހެން މުވައްސަސާތަކާއި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ، އަތުގުޅާލައިގެން ކުރި މިންނަތް މަސައްކަތުގެ ފޮނި ނަތީޖާކަން ކަށަވަރެވެ.

“ރާއްޖޭގެ ބްރޯޑްކާސްޓިންގެ ތާރީޚުގައި، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ބްރޯޑްކާސްޓަރުން ނުހަނު މުހިއްމު ދައުރެއް އަދާކޮށްފައިވާއިރު، ޤައުމަށް ދިމާވާ ބޮޑެތި ހާދިސާތަކާއި މުނާސަބަތުތަކުގައި ވެސް އެ ފަރާތްތަކުން އިސް ދައުރެއް އަދާކުރަމުން އައިސްފައިވާކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. އަދި އިޖްތިމާއީ ޒިންމާގެ ގޮތުގައި ދެކިގެން ތަފާތު ކަންކަމުގައި ބައިވެރިވެ ވަރަށް ބުރަ މަސައްކަތްތަކެއް ތަފާތު ހާލަތްތަކުގައި އެ ފަރާތްތަކުން ކުރަމުން އައިސްފައިވާކަން ވެސް އުފަލާއެކު ފާހަގަކުރަމެވެ. މި ގޮތުން ބަލާއިރު، އެހީ ހޯދުމަށް މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު އިޖްތިމާއީ ހަރަކާތުގެ ގޮތުގައި ހެލްޕް ގާޒާ ޓެލެތޯން ސިފަވެގެން ދިއުމަކީ، ޤައުމީ ރޫހުގައި ރާއްޖޭގެ މީޑިއާ މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމުގެ އަލިގަދަ ރަމްޒަކަށް ވެގެންދާނޭ ކަމެއްކަމާ މެދަކު ޝައްކެއް ވެސް ނެތެވެ.

“ހެލްޕް ގާޒާ ޓެލެތޯނަކީ ކާމިޔާބު ހަރަކާތަކަށް ހެއްދެވުމުގެ ގޮތުން ހުރިހާ މީޑިއާތަކެއްގެ ފުރިހަމަ ބައިވެރިވުން ހޯއްދެވުމަށް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ ޗެއަރމަންގެ ހައިސިއްޔަތުން މަނިކުފާނު އަދާކުރެއްވި އިސް ދައުރަށާއި ސްޓިއަރިން ކޮމެޓީގެ އެހެނިހެން މެމްބަރުންނަށާއި އެކިއެކި ކޮމިޓީތަކުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވަމު އެވެ. އަދި މި މުހިއްމު ޤައުމީ ހަރަކާތުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި މީޑިއާ ދެއްކި އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއަށް ޓަކައި އެ ފަރާތްތަކަށް ވެސް ޝުކުރާއި މުބާރިކްބާދް ދެންނެވުމަށް މި ފުރުޞަތުގެ ބޭނުންކުރަމެވެ.”