ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2021)

July 4, 2021

ޝަކުވާ ނަމްބަރު: IMCAC-02/2021

ޝަކުވާ ހުށަހެޅި ތާރީޚް: 03 މާރިޗް 2021

ހުލާސާ: މިއީ، ޗެނަލް 13ގެ 24 ޖަނަވަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގެ 23:50  ހާއިރު ގެނެސްދީފައިވާ ކޮންޓެންޓްގައި ބޮޑެތި ތުހުމަތުތަކެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަނބަލުންނަށް ކޮށްފައިވާކަމަށް ފާހަގަކުރެވޭތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި، ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ހުށަހަޅާފައިވާ މި ޝަކުވާއާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިނުވާކަމާއި؛

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޗެނަލް 13ގެ 24 ޖަނަވަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގެ 23:50 ހާއިރު ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅޭ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރު ” މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ (1) ވަނަ ނަންބަރު” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޗެނަލް 13ގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ  44 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭހަތްތެރިވުމަށާއި،

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1)، އަދި 5 ވަނަ ހަމައިގެ (1)، އާ ޚިލާފް ކޮންޓެންޓް، ޗެނަލް 13ގެ 24 ޖަނަވަރީ 2021 ގެ “ހަޖަމް” ޕްރޮގްރާމްގެ23:50  ގައި ބްރޯޑްކާސްޓްކޮށްފައިވާތީ، ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 13 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ކުރިން، އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

04 ޖުލައި 2021