ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2019)

September 16, 2019

ޝަކުވާ ނަމްބަރު: IMCAC-03/2019

ޝަކުވާ ހުށަހެޅި ތާރީޙް: 21 އެޕްރީލް 2019

 ހުލާސާ: މިއީ، ރާއްޖެ ޓީވީއިން 19 އެޕްރީލް 2019، 12 އޭޕްރީލް 2019، 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި “އެ އލތނ”، “ޅއ” މިފަދަ ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީއާއި ޢާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން ބަލާ މައްސަލައެކެވެ.

ނިންމި ގޮތް: މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ރާއްޖެ ޓީވީ އަށް ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމާއި؛ މިގޮތުން؛

ރާއްޖެ ޓީވީއިން 19 އެޕްރީލް 2019، 12 އޭޕްރީލް 2019، 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި “އެ އލތނ”، “ޅއ” މިފަދަ ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީއާއި ޢާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން ބަލާފައިވާ މި މައްސަލައަށް ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ފުރުސަތުދީފައިވާކަމާއި؛

މިގޮތުން، މައްސަލައަށް ޖަވާބުދާރީވުމަށް ދަންނަވާ ފޮނުވި ކޮމިޝަންގެ ފުރަތަމަ ސިޓީއާ ޙަވާލާދީ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި އެ ސްޓޭޝަނުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއި މައްސަލައާގުޅޭ ކޮންޓެންޓަކީ ބޮޑު ކޮންޓެންޓެއް ކަމަށް ޤަބޫލުކުރެވޭތީ ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ދެއްވުންއެދިފައިވާކަމާއި؛

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އެދިފައިވާ ފަދައިން މުއްދަތު އިތުރުކޮށްދީ، މައްސަލައަށް ޖަވާބުދާރީވުމަށް ދަންނަވާ ފޮނުވި ކޮމިޝަންގެ ދެވަނަ ސިޓީއާ ޙަވާލާދީ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އެދިފައިވަނީ މައުޟޫޢީ މައްސަލަ ދިރާސާކުރުމުގައި އިޖުރާއީ ގޮތުން އެ ސްޓޭޝަނަށް އެނގެން ޖެހޭކަންކަން ހުރުމާއިއެކު، ހުށަހެޅިފައިވާ މަޢުޝޫޢީ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން، ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ތާރީޚް އެނގޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި، މައްސަލައާ ގުޅޭ ކޮންޓެންޓްގެ ޚިލާފްވާކަމަށް ބެލެވޭ މާއްދާއާއި ޚިލާފްވާކަމަށް ބެލެވޭ ސަބަބު އިތުރަށް ތަފްޞީލުކޮށް ދިނުމަށްވެސް އެދިފައިވާކަމާއި،

މައްސަލަ ހުށަހެޅި ތާރީޚް ބަޔާންކޮށް، ކޮމިޝަނުން މައްސަލައަށް ޖަވާބުދާރީވުމަށް ދަންނަވާ ފޮނުވި ފުރަތަމަ ސިޓީގައި މައްސަލައާ ގުޅޭ ކޮންޓެންޓްގެ ޚިލާފްވާކަމަށް ބެލެވޭ މާއްދާއާއި ޚިލާފްވާކަމަށް ބެލެވޭ ސަބަބު ތަފްސީލުކޮށް ބަޔާންކޮށްފައިވާނެކަން ބަޔާންކޮށް، މައްސަލައަށް ޖަވާބުދާރީވުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ފޮނުވުނު ތިންވަނަ ސިޓީއާ ޙަވާލާދީ، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޮނުވި 3 ވަނަ (8 ޖުލައި 2019) ސިޓީ ގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 43 ވަނަ މާއްދާއާ ޙަވާލާދީ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވާކަމާއި، އެ މާއްދާގައި ބުނާ ގޮތުން ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، ހުށަހެޅޭ ޝަކުވާއަށް ނުވަތަ ހިންގޭ ތަޙްޤީޤަކާއިމެދު 2 މަސް ދުވަސް ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަން ވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލައިގައި ފުރަތަމަ ވެސް ރާއްޖެ ޓީވީއަށް ޖަވާބުދާރީވުމަށް އަންގާފައިވަނީ 2 މަސް ދުވަސްވާން ގާތްވެފައިވަނިކޮށްކަމަށް ބަޔާންކޮށްފައި ވީނަމަވެސް؛

ކޮމިޝަނުން 15 ޖުލައި 2019 ގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ފަދައިން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި، ޤާނޫނު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 2 (ދޭއް) މަސްދުވަހަކީ، ޚާއްޞަ ޙާލަތެއް މެދުވެރިގެން މެނުވީ، ހުށަހެޅޭ ޝަކުވާއެއް ނުވަތަ ހިންގޭ ތަޙުޤީޤަކާމެދު ގޮތެއް ނިންމުމަށް ކޮމިޝަނަށް ދީފައިވާ މުއްދަތުކަމާއި، މި މުއްދަތު ގުނަން ފަށާނީ ކޮމިޝަނަށް މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެންކަމާއި، އާންމު އުސޫލަކުން ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކަށް ހޭދަވާ މުއްދަތު ގުނަމުންދަނީ ރަސްމީ ބަންދު ދުވަސް ނުހިމަނާ ކަމުގައި ބަޔާންކޮށް، މި މައްސަލަ ހުށަހަޅައިފައިވަނީ 21 އެޕްރީލް 2019 ގައި ކަމަށްވެފައި، މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދަންނަވާ ރާއްޖެ ޓީވީއަށް ފޮނުވި ކޮމިޝަންގެ ފުރަތަމަ ސިޓީ (ނަންބަރު 427-LCM/PRIV/2019/94) ފޮނުވާފައިވަނީ 29 މެއި 2019 ގައި ކަން ބަޔާންކޮށް މައްސަލައާ ގުޅޭގޮތުން 18 ޖުލައި 2019 ގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް ދަންނަވާފައިވާކަމާއި،

މި މައްސަލަ ހުށަހަޅައިފައިވަނީ 21 އެޕްރީލް 2019 ގައި ކަމަށްވެފައި، ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ މުއްދަތު ގުނުމުން، 2 މަސް ދުވަސް ހަމަވާ ތާރީޚަކީ 22 ޖުލައި 2019 ކަމަށްވާތީ އާއި، މައްސަލައަށް ޖަވާބުދާރީވުމަށް ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި އެންމެ ފުރަތަމަ ސިޓީ ފޮނުވާފައިވަނީ 29 މެއި 2019 ގައި ކަމަށްވާތީ އާއި، އެ މުއްދަތުގެ ތެރޭގައި މައްސަލައާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ތަފާތު ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ޓީވީއަށް ފުރުސަތު ދީފައިވާތީ، މި މައްސަލަ ނިންމުމަށް ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ދީފައިވާ 2 މަސް ދުވަހުގެ ތެރޭގައި މައުލޫމާތު ފުރިހަމަވެގެން މައްސަލަ ނިންމިދާނެކަމަށް ކޮމިޝަނަށް ނުފެންނާތީ، 15 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ހާއްސަ ހާލަތު ބަޔާންކުރާ އުސޫލުގެ ނުކުތާ (5) “ހުށަހެޅޭ ޝަކުވާއާ ގުޅިގެން އެއްވެސް ފަރާތަކުން ސާފުކުރަންޖެހޭ މައުލޫމާތުތައް ލިބުމުގައި ލަސްވުން ނުވަތަ ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ނުލިބުން” ގެ ދަށުން މުއްދަތު އިތުރުކުރުމަށް ނިންމާފައިވާތީ އާއި؛

ކޮމިޝަނުން 15 ޖުލައި 2019 ގައި ޖަވާބުދާރީވުމަށް ދަންނަވާ ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގެ މުއްދަތުގެ ތެރޭގައި ރާއްޖެ ޓީވީގެ ފަރާތުން މައްސަލައަށް މައުޟޫޢީ ގޮތުން ޖަވާބުދާރީ ވެފައިނުވާކަމާއި، 24 ޖުލައި 2019 ގައި ރާއްޖެ ޓީވީގެ ފަރާތުން ފޮނުވި ސިޓީގައިވެސް ބަޔާންކޮށްފައިވަނީ އިޖުރާއީ ގޮތުން އެ ސްޓޭޝަނުން ފާހަގަކޮށްފައިވާ ނުކުތާކަމުގައި ވާތީ އާއި، މި މައްސަލައާ ގުޅިގެން ރާއްޖެ ޓީވީއިން ފޮނުވާފައިވާ ސިޓީތަކަށް ނަޒަރުކޮށް ބަލާއިރު؛

މައްސަލައިގެ ތަޙްޤީޤުގެ މަރުހަލާގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ކަމާގުޅޭ ގަވާއިދުތަކުގައިވާ އުސޫލުތަކުގެ ދަށުން ތަޙުޤީޤުގެ އެންމެހާ އިޖުރާޢަތުތައް ފުރިހަމަކޮށް އިސްވެ ދެންނެވިފައިވާ ފަދައިން މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން ދިން ފުރުސަތުގެ ތެރެއިން ފަހު ދެ ފުރުސަތުގައި ތަކުރާރުކޮށް އިޖުރާއީ ނުކުތާ ނަގާފައިވަނީ، ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން އިޖުރާއީ ގޮތުން ފާހަގަކޮށްފައިވާ ކަންކަން ސާފުކޮށްދީފައިވަނިކޮށް ކަމުގައިވާތީ، މިއީ މައްސަލަ ސާބިތުވެއްޖެ ނަމަ، އަޅާފާނެ ފިޔަވަޅަކުން ބަރީޢަވުމަށް  ކުރަމުންދާ މަސައްކަތެއް
(willful blindness) ކަމުގައި ބެލުމުގެ ފުރުސަތު އޮތަތީ؛

އަދި، މައްސަލައަށް ޖަވާބުދާރީވުމަށް ހަތަރު ފަހަރެއްގެ މަތިން ދިން ފުރުސަތުގައިވެސް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް މައުޟޫޢީ ގޮތުން ޖަވާބުދާރީވެފައިނުވާތީއާއި، މި މައްސަލައާ ގުޅޭ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2) (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) ނަންބަރުގައި ބަޔާންކޮށްފައިވާ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ނުވަތަ ނޫންކަމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެ ފޮނުވި ސިޓީތަކުގައި ބަޔާންކޮށްފައިނުވާތީ އާއި،

ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖެ ޓީވީއިން 19 އެޕްރީލް 2019، 12 އޭޕްރީލް 2019، 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި  މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފެނުނު ހިނދު އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2) ވަނަ ނަންބަރު (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ކުށް އިސްލާޙުކޮށް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ކުރުމަށް ލައިސަންސް ލިބިފައިވާ ފަރާތަށް އެންގުމުގެ އިޚްތިޔާރު މި ކޮމިޝަނަށް ލިބިފައިވީހިނދު، އަދި ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޒިންމާއަކަށް ވެފައި، އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާންޖެހޭ ކަމަށް ވީހިނދު، ޙަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ޤައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް “މާކަނާ ޝޯ” ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ( ގެ 1 ވަނަ ނަންބަރުގެ ދަށުން، މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާނަމަ، އިސްލާޙުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓްނުކުރުމަށް  ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

9 ސެޕްޓެންބަރު 2019