ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-10/2013)

January 12, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-10/2013)

ޝަކުވާ ނަމްބަރު: IMCAC-10/2013

ޝަކުވާ ހުށެހެޅި ތާރީޙް: 29 ސެޕްޓެމްބަރ 2013

ހުލާސާ:  މިއީ، ވީޓީވީގެ 27 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ 21:00 ން 00:00އަށް ބްރޯޑްކާސްޓްކުރި “ފަސްމަންޒަރު” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާފަދަ ކޮންޓެންޓް ހުރިކަމަށް ފެންނާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  ޙަވާލާދީފައިވާ ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (3)، ފުރަތަމަ ހަމައިގެ (7) ދެވަނަ ހަމައިގެ (1)(2)، ތިން ވަނަ ހަމައިގެ (1) އަދި ފަސްވަނަ ހަމައިގެ (4) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން:

  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ “ފަސްމަންޒަރު” ޕްރޮގްރާމް ދެން ނުފޮނުވުމަށާއި؛
  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވެއްޖެނަމަ، އެކަން އެގޮތަށް ހިނގައިފިކަން، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހާމަކޮށް، އެކުށެއް އިސްލާހުކޮށް ސްޓޭޝަންގެ ފަރާތުން އޮންއެއަރގައި މައާފަށް އެދުމަށާއި؛
  • ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއަރވުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހުރުމަތް ކެނޑި، ނުވަތަ އެފަރާތެއްގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ލިބިއްޖެނަމަ، އެކަމުގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ޖެހިގެން އަންނަ “ފަސްމަންޒަރު” ޕްރޮގްރާމްގައި އެފަރާތަކަށް ދިނުމާއެކު، އެފުރުސަތު ދިންކަން ހާމަކުރުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑަށް އެންގުމަށާއި؛ އަދި

27 ސެޕްޓެމްބަރ 2013ވަނަ ދުވަހުގެ ރޭ 21:00 ން 00:00އަށް ވީޓީވީން ބްރޯޑްކާސްޓްކުރި “ފަސްމަންޒަރު” ޕްރޮގްރާމްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމްގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި؛

މި ކުށަށް އެއްވެސް ޝަރުތެއް ނެތި 31 ޖެނުއަރީ 2014ގެ ކުރީން “ފަސްމަންޒަރު” ޕްރޮގްރާމްގައި މަޢާފަށް އެދުމަށާއި ، ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީ 2014ގެ ކުރީން “ފަސްމަންޒަރު” ޕްރޮގްރާމްގައި އެ ފަރާތްތަކަށް ދިނުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

12 ޖެނުއަރީ 2014