ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-10/2023)

October 10, 2023

ޝަކުވާ ނަމްބަރު: IMCAC-10/2023

ޝަކުވާ ހުށަހެޅި ތާރީޙް: 30 ސެޕްޓެންބަރު 2023

ހުލާސާ: މިއީ، “ދިވެހި ޗެނަލް” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ 18:00:01 އިން 18:00:53 ގައި ބްރޯޑްކާސްޓްކުރި “2023 ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު” ގައި ރިޔާސީ އިންތިޙާބުގެ ކެންޕެއިންކުރުން މަނާ ގަޑީގައި ކެމްޕެއިނަށް މަގުފަހިވާގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ބެލެވޭތީ ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

ނިންމި ގޮތް: “ދިވެހި ޗެނަލް” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ 18:00:01 އިން 18:00:53 ގައި ބްރޯޑްކާސްޓްކުރި “2023 ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު” ގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ގަޑިއެއްގައި، އިންތިހާބީ ކެނޑިޑޭޓަކަށް ތާއިދު ހޯދުމަށް ހިންގުނު ޚަރަކާތަކާއި ގުޅޭ ވީޑިއޯ ހިމެނޭ ކޮންޓެންޓު ބްރޯޑްކާސްޓްކޮށްފައިވާތީ، ބަލައިފައިވާ މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ މޯލްޑިވްސް މީޑިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، “އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 06:00 އާހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހައި ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިޝްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ޚާއްޞަކުރަންވާނެކަމުގައި ބަޔާންކޮށްފައި އޮންނަކަމާއި،

ކޮމިޝަނުން 20 އޮގަސްޓް 2013 ގައި އާންމުކޮށްފައިވާ “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ 3 ވަނަ މާއްދާގެ (ހ) ރިޢާޔަތްކުރާއިރު، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޢަމަލުކުރުމުގެ އިތުރުން ހަމަހަމަކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި އިންސާފުވެރިކަމާއެކު ޚަބަރާއި ކަރަންޓްއެފެއަރޒް ޕްރޮގްރާމްތައް ގެނެސް ދިނުކީ ކޮމާޝަލް ބްރޯޑްކާސްޓަރުންގެ މަސްޢޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާކަމާއި،

ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހަކީ 30 ސެޕްޓެމްބަރު 2023 ވަނަ ދުވަސް ކަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި އޮންނަކަން އެނގޭއިރު، އިސްވެ ބަޔާންކުރެވުނު ގާނޫނި މާއްދާތަކަށް ބަލާއިރު، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ސުން ގަނޑިއަކީ، 29 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 18:00 ކަން އެނގޭތީ،

“ދިވެހި ޗެނަލް” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހު ބްރޯޑްކާސްޓްކުރި “2023 ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު” ބްރޯޑްކާސްޓްކުރުމުގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުމުގެ ސުންގަޑި ހަމަވުމަށްފަހު 53 (ފަންސާސް ތިނެއް) ސިކުންތު ބްރޯޑްކާސްޓް ކޮށްފައިވާކަން އެނގެން އޮންނަކަމާއި،

މޯލްޑިވްސް މީޑިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން މައްސަލައަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި މައްސަލަ ރައްދުވާފަރާތުން ޖަވާބުދާރިވެ، އެ ފަރާތުން 2023 ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބާއި ގުޅިގެން ބްރޯޑްކާސްކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓް ގެނެސްދިނުމުގެ ސުންގަޑި ހަމަވުމަށްފަހު އެއްވެސް ސިޔާސީ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައި ނުވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް،

“ދިވެހި ޗެނަލް” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ 18:00:01 އިން 18:00:53 ގައި ބްރޯޑްކާސްޓްކުރި “2023 ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު” ގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ގަޑިއެއްގައި، އިންތިހާބީ ކެނޑިޑޭޓަކަށް ތާއިދު ހޯދުމަށް ހިންގުނު ޚަރަކާތަކާއި ގުޅޭ ވީޑިއޯ ހިމެނޭ ކޮންޓެންޓު، ބްރޯޑްކާސްޓްކުރުމުގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުމުގެ ސުންގަޑި ހަމަވުމަށްފަހު 53 (ފަންސާސް ތިނެއް) ސިކުންތު ބްރޯޑްކާސްޓް ކޮށްފައިވާކަން ކޮމިޝަންގެ ތަޙްޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އާއި “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ 3 ވަނަ މާއްދާގެ (ހ) ގައި ބާޔާންކުރާ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ވަގުތަށް ބްރޯޑްކާސްޓްކުރުން ހުއްޓާލުމުގައި ބްރޯޑްކާސްޓިން ސްޓޭޝަންގެ  ވަގުތު، ނުވަތަ ސިޔާސީ ޚަރަކާތް ހިންގާ ފަރާތަކުން އެ ޚަރަކާތެއް ހުއްޓާލާ ވަގުތައް ނުބެލުމަށާއި، ދިވެހިރާއްޖޭގެ ޓައިމް ޒޯނުގެ ރަސްމީ ވަގުތުގައި އެ އިވެންޓެއް ބްރޯޑްކާސްޓްކުރުން ހުއްޓާލުމަށް ސަމާލުކަންދިނުމަށް މޯލްޑިވްސް މީޑިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ “ދިވެހި ޗެނަލް” އަށް އަންގައި މި މައްސަލަ ނިންމުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

10 އޮކްޓޫބަރު 2023