ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-11/2023)

October 10, 2023

ޝަކުވާ ނަމްބަރު: IMCAC-11/2023

ޝަކުވާ ހުށަހެޅި ތާރީޙް: 01 އޮކްޓޫބަރު 2023

ހުލާސާ: މިއީ، “ރާއްޖެ ޓެލެވިޜަން” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:08:39 އިން 8:10:32 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓް ގައި ރިޔާސީ އިންތިޙާބުގެ ކެންޕެއިންކުރުން މަނާ ގަޑީގައި ކެމްޕެއިނަށް މަގުފަހިވާގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް، ބެލެވޭތީ ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލަމުންދިޔަ މައްސަލައެކެވެ.

ނިންމި ގޮތް: “ރާއްޖެ ޓެލެވިޜަން” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:08:39 އިން 8:10:32 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ވަގުތެއްގައި، ބްރޯޑްކާސްޓްކުރި ކޮންޓެންޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓު އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއްގައި ހުރި ފަރާތަކުން މިހާރުގެ ސަރުކާރަށާއި އެ ކެންޑިޑޭޓް ޕްރޮމޯޓްވާފަދަގޮތަކަށް ގެނެސްދީފައިވާތީ އެފަދަ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމަކީ ވާދަވެރި ކެނޑިޑޭޓުގެ އިންތިޚާބީ ޙައްޤަށް އުނިކަން އަތުވެދާނެ ކަމެއް ކަމުގައިވާތީއާއި،

އެ ކޮންޓެންޓު ގެނެސްދެވުނު ވަގުތަކީ އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުން އަދުލުވެރި ނުވަތަ އިންޞާފުވެރި ވަގުތެއް ކަމުގައިނުވާތީ، ބަލައިފައިވާ މި މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކުރުމުގެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކޮށް، މައްސަލަ ރައްދުވާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާކަމާއި،

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، “އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް އިޢުލާނުކުރާ ދުވަހުން ފެށިގެން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 06:00 އާހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހައި ފަރާތްތަކުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިޝްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ޚާއްޞަކުރަންވާނެކަމުގައި ބަޔާންކޮށްފައި އޮންނަކަމާއި،

ކޮމިޝަނުން 09 މާރިޗް 2021 ގައި އާންމުކޮށްފައިވާ “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ 3 ވަނަ މާއްދާގެ (ހ) ރިޢާޔަތްކުރާއިރު، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޢަމަލުކުރުމުގެ އިތުރުން ހަމަހަމަކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި އިންސާފުވެރިކަމާއެކު ޚަބަރާއި ކަރަންޓްއެފެއަރޒް ޕްރޮގްރާމްތައް ގެނެސް ދިނުކީ ކޮމާޝަލް ބްރޯޑްކާސްޓަރުންގެ މަސްޢޫލިއްޔަތެއް ކަމުގައި ބަޔާންކޮށްފައިވާކަމާއި،

ރިޔާސީ އިންތިޚާބުގެ 2023 ގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހަކީ 30 ސެޕްޓެމްބަރ 2023 ވަނަ ދުވަސް ކަން އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި އޮންނަކަން އެނގޭއިރު، އިސްވެ ބަޔާންކުރެވުނު ގާނޫނި މާއްދާތަކަށް ބަލާއިރު، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ސުން ގަނޑިއަކީ، 29 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 18:00 ކަން އެނގޭތީ،

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެ ޓީވީ” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:08:39 އިން 8:10:32 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓް ގެނެސްދީފައިވަނީ ސިޔާސީ ކޮންޓެންޓު ގެނެސްދިނުން މަނާ ވަގުތެއްގައިކަމާއި،

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް އިން މައްސަލައަށް ޖަވާބުދާރީވުމަށް ދަންނަވައި ދިން ފުރުޞަތުގައި މައްސަލަ ރައްދުވާފަރާތުން ޖަވާބުދާރިވެ، އެ ކޮންޓެންޓް ރާއްޖެޓީވީން ގެނެސްދީފައިވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ނިޔަތުގެ ނޫންކަމާއި، އަދި އެނޫންގޮތަކަށް އެއްވެސް ފަރާތަކަށް އެކަން ދޭހަވާނަމަ އެކަމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް އިން މާފަށް އެދިފައިވާކަމާއި،

ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ “ރާއްޖެ ޓީވީ” އިން 29 ސެޕްޓެންބަރު 2023 ވީ ހުކުރު ދުވަހުގެ ރޭ 8:08:39 އިން 8:10:32 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ސިޔާސީ ކޮންޓެންޓް ގެނެސްދިނުން މަނާ ވަގުތެއްގައި، ބްރޯޑްކާސްޓްކުރި ކޮންޓެންޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓު އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއްގައި ހުރި ފަރާތަކުން މިހާރުގެ ސަރުކާރާއި، އެ ކެނޑީޑޭޓް ޕްރޮމޯޓްވާފަދަގޮތަކަށް ގެނެސްދީފައިވާތީ ބަޔާންކުރެވިފައިވާ ކޮންޓެންޓު އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން ގެ 3 ވަނަ މާއްދާގެ (ހ) އާއި ޚިލާފުވާކަމަށް ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) އާއި “އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން” ގެ 3 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން ކުރިމަގުގައި ކޮންޓެންޓް ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.

10 އޮކްޓޫބަރު 2023