ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-33/2021)

November 28, 2021

ޝަކުވާ ނަމްބަރު: IMCAC-33/2021

ޝަކުވާ ހުށަހެޅި ތާރީޙް: 23 ޖޫން 2021

ހުލާސާ: މިއީ، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ށ.ގޮއިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ށ. ގޮއިދޫ ގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ށ.ގޮއިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ ކޮމިޝަނުގެ ނަންބަރު IMCAC-33/2021 މައްސަލައިގައި ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑަށް މައްސަލައަށް  ޖަވާބުދާރިވުމަށް އެކަށީގެންވާ ފުރުސަތު ދީފައިވީނަމަވެސް، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައި ނުވާކަމާއި،

މައްސަލައިގެ ތަޙުޤީޤު މަރުހަލާގައި، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 273/427/2021/1 (29 އޮގަސްޓް 2021) ސިޓީން “ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެއްވެސް އިރެއްގައި މިރަށުގައި ކޭބަލް ޓީވީގެ ޚިދުމަތް ދީފައިނުވާ ވާހަކަ ދަންނަވަމެވެ…” މިފަދައިން ބަޔާންކޮށް ކޮމިޝަނަށް މައުލޫމާތުދީފައިވާތީ،

ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ށ.ގޮއިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ ކޮމިޝަންގެ ނަންބަރު IMCAC-33/2021 މައްސަލަ އަސްލެއްނެތް މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލަ އިތުރަށް ކުރިއަށްނުގެންދިއުމަށް، ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

 

23 ނޮވެންބަރު 2021