ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-36/2021)

November 28, 2021

ޝަކުވާ ނަމްބަރު: IMCAC-36/2021

ޝަކުވާ ހުށަހެޅި ތާރީޙް: 04 ޖުލައި 2021

ހުލާސާ: މިއީ، ޗެނަލް ނިއުސް މޯލްޑިވްސް އިން 22 ޖޫން 2021 ގައި ގެނެސްދިން ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ އަޑާއި މަންޒަރު ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ،  ކޮމިޝަނުގެ އިސްނެގުމުގެމަތީން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 22 ޖޫން 2021 ވަނަ ދުވަހުގެ 22:34 ން 22:43 ށް ގެނެސްދިން ރިޕޯޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ ކޮންޓެންޓް ގެނެސްދީފައިވާކަމަށް ބެލެވޭތީ، ކޮމިޝަންގެ ނަންބަރު IMCAC-36/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ޗެނަލް ނިއުސް މޯލްޑިވްސްއަށް ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާކަމާއި،

ކޮމިޝަންގެ ނަންބަރު IMCAC-36/2021 މައްސަލަ އާއި ގުޅިގެން މައްސަލައަށް ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، 22 ޖޫން ޖޫން 2021 ވަނަ ދުވަހުގެ 22:34 ން 22:43 ހާއިރު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް) އިން ގެނެސްދިން ކޮންޓެންޓުގައި މައްސަލަތަކެއް ހުރިކަން ބްރޯޑްކާސްޓްކުރިފަހުން ފާހަގަވުމާއި ގުޅިގެން ހަމައެވަގުތުން ފެށިގެން އެ ކޮންޓެންޓުގައިވާ މައުލޫމާތުތައް 23 ޖޫން 2021 ދުވަހުގެ ރޭ އެ ކޮންޓެންޓުން އުނިކުރިކަން ބަޔާންކޮށް، މައްސަލައާއިގުޅޭ ކޮންޓެންޓު ބްރޯޑްކާސްޓް ކުރުމުގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފުވެފައިވާކަމަށް އިޢުތިރާފު ވެފައިވާތީ،

22 ޖޫން 2021 ވަނަ ދުވަހުގެ 22:34 ން 22:43 ށް ގެނެސްދިން ރިޕޯޓްގައި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުއްޖާގެ ޒާތީ މައުލޫމާތާއި، ކުއްޖާގެ ފޮޓޯ ބްރޯޑްކާސްޓް ކޮށްފައިވާތީ، އެކަން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަތަރު ވަނަ ހަމައިގެ (5) “ކުޑަކުދިންގެ ކަރާމަތާއި ޙައްޤުތަކަށް ރައްކާތެރިވާގޮތަށް ބްރޯޑްކާސްޓްކުރުން. މިގޮތުން މިކޯޑުގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޚިމާޔަތްކުރުމަށް އަމަލުކުރަންވީ ގައިޑްލައިންއަށް ރިއާޔަތްކުރުން.”، ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙިމާޔަތް ކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިންގެ 3 ވަނަ މާއްދާގެ (ހ) ” ކުއްޖަކަށް ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ފޮނުވާއިރު އެ ކުއްޖަކު ފާހަގަ ނުކުރެވޭގޮތަށް ފޮނުވުން ” އަދި ބްރޯޑްކާސްޓްކުރުމުގައި  ކުޑަކުދިން ޙިމާޔަތް ކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިންގެ 3 ވަނަ މާއްދާގެ (ށ) ” ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭގޮތަށް ކޮންޓެންޓް ފޮނުވުން”  އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާ  ކަމުގައި ކަނޑައަޅައި،

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 04 ވަނަ ނަންބަރުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައި، ބްރޯޑްކާސްޓް ކުރުމުގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގައި، ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ކުޑަކުދިން ޙިމާޔަތް ކުރުމަށް ޢަމަލުކުރަންވީ ގައިޑްލައިންއާ  އެއްގޮތްވާގޮތުގެ މަތިން ޗެނަލް ނިއުސް މޯލްޑިވްސްގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ލައިވް އިވެންޓްތަކާއި ޕްރޮގްރާމްތައް ފޮނުވާއިރުވެސް މި ފަދަ ކޮންޓެންޓް އޮންއެއަރ ނުވާނޭގޮތުގެ މަތީން އިންތިޒާމްތައް ބެހެއްޓުމަށް، ޗެނަލް ނިއުސް މޯލްޑިވްސްއަށް އެންގުމަށް މައްސަލަބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.