ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-37/2021)

November 28, 2021

ޝަކުވާ ނަމްބަރު: IMCAC-37/2021

ޝަކުވާ ހުށަހެޅި ތާރީޙް: 09 އޮގަސްޓް 2021

ހުލާސާ: މިއީ، ޗެނަލް 13 އިން 05 އޮގަސްޓް 2021 ވަނަ ދުވަހު ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓްގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅޭ ގޮތުން ގެނެސްދީފައިވާ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ ވާހަކަ ގެނެސްދީފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ޗެނަލް 13ގެ 05 އޮގަސްޓް 2021 ގެ “ހަޖަމް” ޕްރޮގްރާމް ގައި ގެނެސްދީފައިވާ މިކޮންޓެންޓްގައި ބޮޑެތި ތުހުމަތުތަކެއް ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް ކުރައްވާފައިވާކަމަށް ފާހަގަކުރެވޭތީ ކޮމިޝަނުން ބަލާފައިވާ ނަންބަރު IMCAC-37/2021 މައްސަލައިގައި، ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް ކޮމިޝަނުން ކުރުމުގައި ތަޙްޤީޤު ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރިވުމަށް ފދިން ފުރުސަތުގައި، އެފަރާތުން މައްސަލައަށް ޖަވާބުދާރީވެފައިވާކަމާއި؛

މި މައްސަލައާ ގުޅިގެން ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނުގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ޗެނަލް 13ގެ 05 އޮގަސްޓް 2021 ގެ “ހަޖަމް” ޕްރޮގްރާމްގައި  ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅޭ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1) ވަނަ ނަންބަރު ” މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން” އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 5 ވަނަ ހަމައިގެ (1) ވަނަ ނަންބަރު” ޚަބަރާ ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ ތެދު މަޢުލޫމާތު ފެތުރުމަށް މަސައްކަތްކުރުން” އާ ޚިލާފުވާކަމަށް ކޮމިޝަންގެ ތަޙުޤީޤަށް ސާބިތުވާކަމަށް ކަނޑައަޅައި،

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޗެނަލް 13ގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ކޮންޓެންޓުތައް ފޮނުވުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވުމަށާއި،

ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމްގެ މައްޗަށްކޮށް ބޮޑެތި ތުހުމަތުތަކެއްކޮށް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ 3 ވަނަ ހަމައިގެ (1)، އަދި 5 ވަނަ ހަމައިގެ (1)، އާ ޚިލާފް ކޮންޓެންޓް، ޗެނަލް 13ގެ 05 އޮގަސްޓް 2021 ގެ “ހަޖަމް” ޕްރޮގްރާމް ގައި ބްރޯޑްކާސްޓްކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން މަޢާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން އެއް ރޭ 08:00 އާއި 09:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން ޢާންމުކޮށް ބްރޯޑްކާސްޓްކުރުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ނިންމީއެވެ.