އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން ޓީވީ ޗެނަލެއް ހެދުމަށް އެދެފި

July 31, 2011

ނޫސް ބަޔާން

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން އުފައްދަވަން އުޅުއްވަނީ “ދީނީ ޗެނަލެއް” ކަމަށް މީޑިއާއަށް މަޢުލޫމާތު ދެވިފައިވާތީ ދަންނަވަމެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ޓީވީ ޗެނަލެއް ހިންގުމުގެ ލައިސަންސް އަށް އެދިވަޑައިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ ހުށަހަޅުއްވާފައެވެ. އެކަމަށް އެދި އިސްލާމިކް ފައުންޑޭޝަނުން ފޮނުއްވި ސިޓީގައި ވަނީ އެފަރާތުން ” އުފައްދާ ޗެނަލަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހަކަމާއެކު ބަލާލެވޭގޮތަށް، އިސްލާމްދީން ހުއްދަ ކުރާ އުސޫލުތަކާއި މިންގަނޑުގެ ތެރޭގައި މުނިފޫހިފިލުވުމާއި، ދީނީ، އިޖްތިމާޢީ އަދި އަޚްލާޤީ ކަންކަމުގެ އިތުރުން ޖުމަލަކޮށް ހުރިހާ ކަމެއްވެސް އެކުލެވޭނެހެން ގެނެސްދޭނެ ޗެނަލެއް” ކަމަށެވެ.

ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށް މާޗް 2007ގައި ހައްދަވާފައިވާ އެގްރިމެންޓް މުރާޖައާކޮށް، ބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާތީ، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ލައިސަންސަށް އެދިވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއަށް މިހާރު ވާނީ ޖަވާބު އަރުވާފައެވެ.

31  ޖުލައި    2011