ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނެވިފައިވާ ދެވަނަ އިސްލާޙާ ގުޅޭ

November 5, 2023

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނެވިފައިވާ ދެވަނަ އިސްލާޙާ ގުޅޭ

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ދެވަނަ އިޞްލާހު ގެނެސް ސަރުކާރުގެ ގެޒެޓްގައި ޝާޢިޢުކޮށްފިއެވެ. ތިރީގައި މިވަނީ ގެނެވުނު އިޞްލާހުގެ މުހިންމު ބައިތަކެވެ.

 1. އަމިއްލަ ބޭނުމަށް ފިޔަވައި ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ލައިސަންސް ނެގުން ގަވާއިދުގެ ދަށުން ލާޒިމު ކުރުން.

ދިވެހިރާއްޖޭގެ ރަށްރަށުގައްޔާއި، ސިޓީ، ހޮޓާ، ރެސްޓްރެންޓް އަދި ރިސޯޓްތަކުގައި، އެއަރޓެލް، ޑިޝްޓީވީ ނުވަތަ އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ ބޭނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ނެތި ޚިދުމަތް ދެމުންދިއުމާއި، އެ ޚިދުމަތް ވިޔަފާރި އުސޫލުން ލިބިގަންނަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

  • ލައިސަންސް ނަގައިގެން، ޗެނަލް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ހޯދައިގެން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރުން.
  • ޗެނަލް ރައިޓްސް ނެތި ވިޔަފާރި އުސޫލުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން ހުއްޓުވުން.

2. މުއްދަތު ހަމަވާން 90 ދުވަސް ކުރިން ލައިސަންސް އައުކުރުމަށް ހުށަހެޅުން ލާޒިމްކޮށް އެ މުއްދަތުގެ ފަހުން ލައިސަންސް އައުކުރުމަށް ހުށަހެޅުންތައް ބަލައިނުގަތުން.

  މި ބަދަލު ގެނެވިފައިވަނީ ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް އައުކުރުމާމެދު ގޮތެއް ނިންމުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

3. ޗެނަލް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރާ ފަރާތްތައް ޖޫރިމަނާ ކުރުން.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ބަޔާންކުރާގޮތުން ޗެނަލް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ޖޫރިމަނާކުރެވެނީ ހަމައެކަނި ލައިސަންސް ނަގައިގެން ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުންނެވެ. ނަމަވެސް އިސްލާޙުގައި ގެނެވިފައިވާ ބަދަލުގެ ދަށުން ލައިސަންސް ނެތް ފަރާތަކުންވެސް ޗެނަލެއް ދެއްކުމުގެ ރައިޓްސް އޮތްކަން ސާބިތު ކޮށްނުދެވިއްޖެނަމަ އެފަރާތަކުން ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުން އަދި ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުން މި ދެގޮތުގެ މަތީންވެސް ޖޫރިމަނާ ކުރެވޭނެއެވެ.

4. އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރާގޮތަށް ގެނެވުނު ބަދަލު.

އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ ކުރުމުގައި ކޮންމެ އަހަރަކަށް ވަކިން ޖޫރިމަނާ ކުރުމަށާއި، ލައިސަންސްގެ މުއްދަތު ހަމަވުމުން ޖޫރިމަނާ އިތުރު ނުވާގޮތަށް ގަވާއިދަށް އިސްލާޙު ގެނެވިފައިވެއެވެ.

 

05 ނޮވެމްބަރ 2023