ކަރަންޓަށް ކުރާ ޚަރަދު ކުޑަވާނެ ގޮތަކަށް ހަކަތަ އުފައްދާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަށް ބްރޯޑްކާސްޓަރުންނަށް ފުރުސަތު ތަނަވަސްވެއްޖެ

September 22, 2014

ކަރަންޓަށް ކުރާ ޚަރަދު ކުޑަވާނެ ގޮތަކަށް ހަކަތަ އުފައްދާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ފުރުސަތު ތަނަވަސްވެއްޖެ އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގަން ފަށާ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފައްދާ ޕްރޮޖެކްޓް “ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް”ގައި ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުސަތު ދެއްވަން ނިންމެވިކަން އިއުލާންކުރެއްވީ، ބްރޯޑްކާސްޓަރުންގެ ކަރަންޓް ބިލަށް ލުޔެއް ލިބޭނެ މަގެއް ތަނަވަސްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އިއްޔެ މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި ބޭނުންކުރާ ލައިޓާއި އެއާކޮންޑިޝަނާއި އެ ނޫން ވެސް ގިނަ އާލާތްތަކަކީ ކަރަންޓުގެ ޚަރަދު ވަރަށް ބޮޑު އާލާތްތަކަކަށްވުމުން ކަރަންޓް ބިލަށް ކޮންމެ މަހަކު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. ބްރޯޑްކާސްޓިން ސްޓޭޝަންތަކަކީ ވިޔަފާރި ކުންފުނިތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނަށްވުމުން، ކަރަންޓަށް ވެސް ޗާޖުކުރަނީ އެންމެ އަގު ބޮޑު ބޭންޑުންކަން ފާހަގަ ކުރައްވައި، މާ ބޮޑު އާމްދަނީއެއް ނުލިބި ހިންގާ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގެ ޚިދުމަތްތަކަށް މީގެ ސަބަބުން ބުރަ ބޮޑުވެގެންދާކަން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި އެވެ. އެހެންވެ އެކަމަށް ލުޔެއް ހޯދައިދެވޭތޯ ބްރޯޑްކާސްޓަރުންގެ ފަރާތުން އެދިފައިވާތީ، ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވެސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމު ދެއްކެވި ވާހަކަފުޅުގައި، ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި ކަރަންޓަށް ޗާޖުކުރުމުގައި އާންމު ފަރާތްތަކަށް ކުޑަ އަގެއް ނެގި ނަމަވެސް، ވިޔަފާރި ކުންފުނިތަކާއި ސަރުކާރު އޮފީސްތަކާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އިތުރު ބޭންޑެއް ހެދުމަކީ ވަރަށް ދަތިކަމެއް ކަމުގައި ވިދާޅުވެ، މި ކަމަށް އޮތް ދާއިމީ ހައްލެއްގެ ގޮތުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގަން ފަށާ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފައްދާ ޕްރޮޖެކްޓުގައި ބްރޯޑްކާސްޓަރުން ބައިވެރިކުރަން ފުރުސަތު ދެއްވިދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޖަޕާނު ސަރުކާރުން ހިންގާ “ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް”ގެ ދަށުން، ބްރޯޑްކާސްޓިން ސްޓޭޝަންތަކުގެ ބޮތްކާއި އެއަރކޮނޑިޝަނާއި އެހެނިހެން އާލާތްތައް ވެސް ތިމާވެއްޓާ ރައްޓެހި އާލާތްތަކަކަށް ބަދަލުކޮށް، އެ ތަނެއްގައި ސޯލާ ޕެނަލް ހަރުކުރާނެ ކަމަށާއި، ސޯލާ ޕެނަލް މެދުވެރިކޮށް ކަރަންޓް އުފެއްދުމުގެ ސަބަބުން ކަރަންޓަށް ހޭދަކުރާ މިންވަރު 30 ޕަސަންޓް ކުޑަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ޕްރޮޖެކްޓުގައި ބައިވެރިވާ ފަރާތްތަކުގެ އިންވެސްޓްމަންޓްގެ 50 ޕަސަންޓް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ދޭނެ ކަމަށާއި އަނެއް 50 ޕަސަންޓް ހަމަޖައްސަން ޖެހޭނީ އެ ބްރޯޑްކާސްޓަރަކު ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިގު މުއްދަތެއްގައި ފައިސާ ދެއްކުމަށް ބޭންކުން ލޯން ނެގުމަށް އެހީތެރިކަން ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެނާރޖީ މިނިސްޓަރު ވިދާޅުވީ، މި ޕްރޮޖެކްޓްގައި ބައިވެރިވާން ޝައުގުވެރިވާ ބްރޯޑްކާސްޓަރުންނަށް މައުލޫމާތު ދިނުމަށް ކަމާ ބެހޭ ޓެކްނިކަލް ޓީމާ އެކު ސެމިނާއެއް ވަރަށް އަވަހަށް އިންތިޒާމް ކުރައްވާނެ ކަމަށާއި، ސޯލާ އެނާރޖީ ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި، އަދި ޚަރަދު ކުޑަ ގޮތަށް ކަރަންޓް ބޭނުންކުރުމުގެ މައުލޫމާތު ވެސް ބްރޯޑްކާސްޓަރުންނަށް ދެއްވާނެ ކަމަށެވެ.

“ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް” އިން ބްރޯޑްކާސްޓަރުންނަށް ފުރުސަތު ދެއްވަން ނިންމެވީތީ މިނިސްޓަރ ތޯރިގް އިބްރާހިމަށް، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ޝުކުރު އަދާކުރެއްވި އެވެ. އަދި މި ކަމުގައި ގިނަ ބްރޯޑްކާސްޓަރުންގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އަބްދުﷲ ޝުޖާއު އާއި ކޮމިޝަނަރ އިބްރާހިމް އަޝްރަފާއި ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ ބައިވެރިވެވަޑައިގަތެވެ.