ލޫދިފައިވާ ގައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ދަންނަވައިފި

October 4, 2014

ލޫދިފައިވާ ގައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސް ދަންނަވައިފިއެވެ.

 ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މި ގޮތަށް އިލްތިމާސްކުރެއްވީ ރާއްޖޭގެބްރޯޑްކާސްޓިން ދުވަހުގެ މުނާސަބާތުގައި މިއަދު ދެއްވި ހިތާބެއްގަ އެވެ.

 ތިރީގައި މިވަނީ މިއަހަރުގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބުތައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ދެއްވާފައިވާ ޚިތާބެވެ.

 “މިއަދު އަޅުގަޑުމެން މި ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި،ރާއްޖޭގެ އެންމެހާ ބްރޯޑްކާސްޓަރުންނަށާއި މީގެ ކުރީންވެސް ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ އެންމެހައި ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާ އެކު ތަޙުނިޔާ އާއި މުބާރަކުބާދު އަރިސްކުރަން. އަދި މުޅި އިސްލާމީ އުންމަތުގައި މިއަދު ފާހަގަކުރާ ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ލޮބެވި އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.

“ރާއްޖޭގެ ބްރޯޑްކާސްޓަރުން ކުރައްވާ މިންނެތް މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުއަދާކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރާކަމުގައިވެސް އަޅުގަނޑު ދަންނަވަން. ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށްމަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމުދައުރުގެ އަގު ވަޒަންކުރުމާއި، މި ދާއިރާގެ ތަރައްޤީއަށް މަގުފަހިކުރުން.

“ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ އަށް ބަލާއިރު މި ދާއިރާ މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީވެ ކުރިއަރަމުންެ. މި ދާއިރާގައި ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރުގެ އިތުރުން ގިނަ އަދަދެއްގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ހަރަކާތްތެރިވަމުން އަންނައިރު މި ފަރާތްތަކުން އަންނަނީ އަޅުގަނޑުމެންގެ މުޖުތަމަޢު އަކީ މަޢުލޫމާތުގެ ގޮތުން މުއްސަނދި، ދިރިއުޅުމުގެ އެންމެހާ ދާއިރާތަކަށް ލޯހުޅެވޭ ބަޔަކަށް ހެދުމަށާއި މުޖުތަމަޢުގެ ވިސްނުން ތަރައްޤީކުރުމަށް، ހާއްސަކޮށް ދީނާއި ޤައުމިއްޔަތާއި، ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް އަލިއަޅުވާ ޕްރޮގްރާމް ފޮނުވަމުން.

“ވޭތުވެދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމާ ހަމައަށް، ރައްޔިތުން ހޭލުންތެރިކުރުމަށާއި ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކާއި ވަޢުދުތަކާ ބެހޭ މަޢުލޫމާތު ގެނެސްދިނުމަށާއި އަދި އަމިއްލައަށް އިސްނަގައިގެން ގެނެސްދީފައިވާ ބަހުސްތަކާއި އެހެނިހެން ޕްރޮގްރާމްތަކަކީ އަޅުގަނޑުމެންގެ ބްރޯޑްކާސްޓަރުން ކޮށްފައިވާ ނުހަނު ބުރަ އަދި އެ ފަރާތްތަކުގެ އަގުވަޒަންކުރަން ހައްޤު މަސައްކަތެއް.

“މީގެ އިތުރުން، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢު ބްރޯޑްކާސްޓަރުންނާ މެދު ފަޚްރުވެރިވުން ހައްޤުވާ ފަދަ ހަރަކާތެއް، ދާދި ފަހުން ވަނީ ހިންގާފަ. އެއީ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އިޒްރޭލުން ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތަކުން އަނިޔާވެ، ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ބްރޯޑްކާސްޓަރުން އިސްވެ އިންތިޒާމުކުރި ޓެލެތޯންގައި ބްރޯޑްކާސްޓަރުން ފުރިހަމައަށް ބައިވެރިވެ އިޖްތިމާޢީ ޒިންމާ އަދާކޮށްފައިވަނީ މުޖުތަމަޢު ފަޚްރުވެރިވާ ފަދަ ދަރަޖައަކަށް. އަދި މީގެން ދައްކައިދެނީ ކަމެއް ހާޞިލްކުރުމަށް ބްރޯޑްކާސްޓަރުން ގުޅިގެން މަސައްކަތްކޮށްފިނަމަ އޭގެ ނަތީޖާ ކިތަންމެހާވެސް ފޮނިވާނެކަން.

“ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނުވެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުމުގެ އެއް ތަނބެއް. ފާހަގަކުރަންޖެހޭ ހަގީގަތަކީ ތަމްރީނު ލިބިފައިވާ މީހުން އެކަށީގެންވާ ވަރަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ނެތް ކަމުގައިވިޔަސް، 1962 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މި ދާއިރާ ތަރައްޤީވެ ފުޅާވަމުން އައިސްފައި ވަނީ މި ދާއިރާގައި ޝައުޤުވެރިކަމާ އެކު ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ގިނަ ފަރާތްތަކުގެ ތަޖުރިބާ އާއި ހުނަރުގެ ސަބަބުން.

“މި ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ޒަމަނީ ވަސީލަތްތަކާއި، އުފެއްދުންތެރި ހިޔާލުތަކާއި، ދާއިރާއާ ގުޅުންހުރި ވިއުގަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އަހުލުވެރިވުމަކީ ބްރޯޑްކާސްޓް ދާއިރާއައު އުދަރެހަކަށް ދީލާލުމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާގެ ފައިދާ މުޖުތަމަޢުއަށް ލިބިގެންދާނެކަން ޔަގީންކޮށްދޭނެ ކަމެއް. މިކަން ޔަގީންކޮށްދިނުމުގެ ގޮތުން ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށްޓަކައި މި ކޮމިޝަނުން ކޮންމެ އަހަރަކުވެސް ސަރަޙައްދީ ޤައުމުތަކުގެ ފުންނާބު އުސް ބްރޯޑްކާސްޓަރުންނާއި ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ ޖާމާޢަތްތަކުގެ އެހީތެރިކަމާ އެކު ދަނީ އެކި ކަހަލަ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގަމުންެ. އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އެންމެ އެދެވިގެންވާ ތަރުހީބު މި ފަދަ ޕްރޮގްރާމްތަކަށް ލިބިގެން ނުދާކަން. މި ދާއިރާގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ތަޢުލީމާއި ތަމްރީނަކީ ނުހަނު ބޭނުންތެރި ކަމަކަށް ވީ ހިނދު، އަޅުގަނޑު އެންމެ ބޮޑު އެދުމަކީ މި ފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި އޭގެ ފައިދާ މި ދާއިރާ ތާ އަބަދު ލިބުން.

“މި ދާއިރާގެ އެންމެހާ ކަންކަން ބެލެހެއްޓުމަށާއި ރެގިއުލޭޓަރެއް ހައިސިއްޔަތުން މި ކޮމިޝަނުން ވެސް މި ދަނީ ގިނަގުނަ މަސައްކަތްކުރަމުން. މި ގޮތުން ފާޙަގަކޮށްލެވޭ އެންމެ މުޙިއްމު މަސައްކަތަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓް މޮނިޓަރކޮށް އެ ކަމާ ގުޅޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް. ކޮމިޝަނުގެ މަދު މުވައްޒަފުންނާ އެކު، ލިބިފައިވާ  މަދު ވަސީލާތްތަކާ އެކުގައި ވެސް މި ރިޕޯޓް ނެރުމުގެ މަގްސަދަކީ، ބްރޯޑްކާސްޓަރުންނަށް އިންތިޚާބު ކަވަރުކުރުމުގައި ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާ އެކު ޢާއްމު ރައްޔިތުން އިންތިޚާބާ ގުޅުން ހުރި ކަންކަމަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމާއި ސައްޙަ މަޢުލޫމާތު އާޢްމު ރައްޔިތުންނަށް ފޯރުވާފައިވާ މިންވަރު ދެނެގަތުން.

“މީގެ އިތުރުން، މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރުމަށް ދިވެހިރާއްޖޭގެބްރޯޑްކާސްޓަރުންނަށް ހުރި ހުރަސްތަކާއި ނުރައްކާތައް ފާހަގަކޮށް “ތްރެޓްއެނެލެސިސް ރިޕޯޓް” އެއް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސްބްރޯޑްކާސްޓިންގ ކޮމިޝަނުންވަނީ ކޮށްފަ. މި ދެންނެވި “ތްރެޓް އެނެލެސިސް ރިޕޯޓް” އެކުލަވާލުމުގެ މަގްސަދަކީދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެމިނިވަންކަން ދެމެހެއްޓުމަށްޓަކައި، ބްރޯޑްކާސްޓަރުން މަސައްކަތްކުރާމާޙައުލުގައި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ދީފައިވާގެއްލުންތަކާއި އޭގެ ސަބަބުތައް ދެނެގަނެ މި ކަންކަން ކުރިމަގުގައި ހައްލުކުރުމަށްއެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިކަން ހޯދުން.

“ރެގިއުލޭޓަރެއްގެ ދުރުމިން ބަލާއިރު ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓުގެ ޒިންމާދާރުކަން މިނޭނޭ އެންމެ ބޮޑު އެއް މިންގަނޑަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސާ އެއްގޮތަށް ކޮންޓެންޓް ފޮނުވާތޯ ބެލުން. މިހާތަނަށް ބްރޯޑްކާސްޓް ދާއިރާއާގުޅޭގޮތުން 327 ޝަކުވާ ވަނީ ލިބިފަ. މީގެ ތެރެއިން 126 ޝަކުވާއަކީ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓާ ގުޅުންހުރި ޝަކުވާ. އަދި 201ޝަކުވާއަކީ ލައިސަންސްގެ މައްސަލަތަކާ ގުޅުންހުރި ޝަކުވާ.

މީގެ އިތުރުން، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ޚިދުމަތް ދެމުންދާ ފަރާތްތަކުން ބޭނުންކުރާ ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށްނެގޭ އަގުތަކަކީ ކޮމާޝަލް އުސޫލުން ޗާޖްކުރެވޭ ބޮޑު އަގުތަކަކަށް ވުމާއެކުއެ ފަރާތްތަކުން ދޭ ޚިދުމަތަށް މީގެ ސަބަބުން ބުރަ ބޮޑުވެގެންދާކަމުގެކަންބޮޑުވުން އެ ފަރާތްތަކުން މި ކޮމިޝަނާ ވަނީ ހިއްސާ ކޮށްފަ. އެހެންކަމުން މި ކަމަށް ހައްލެއް ހޯދުމަށް ކަމާގުޅޭ އިދާރާތަކާ ކޮމިޝަނުން ބައްދަލުކޮށް ވަނީ ކާމިޔާބު މަޝްވަރާތަކެއް ކޮށްފަ.

“ބްރޯޑްކާސްޓިންގ ދުވަސް މި އަހަރު ފާހަގަކުރާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ފެންނަނީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްވެފައި ވަނިކޮށް. އާ އުދަރެހަކަށް ވާސިލްވާން، އާ އުންމީދުތަކަކަށް ރައްޔިތުން މި ވަނީ ނޭވާލާން ފަށައިފަ. އެހެންކަމުން ހުރިހާ ކަމަކަށް ވުރެ ގައުމު އިސްކޮށް، ލޫދިފައިވާ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް އަޅުގަނޑުމެން އެންމެން މި ވަނީ އާ މަސައްކަތްތަކެއް ކުރަންޖެހިފަ. މި ކަމުގައި ވެސް ހުރިހާ ބްރޯޑްކާސްޓަރުން އަތުގުޅާލައިފި ނަމަ، އެއީ ކާމިޔާބުކަމާ އެކު ކުރެވޭނެ ގައުމީ މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، ލޫދިފައިވާ ގައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް މިއަދު ވެސް އަޅުގަނޑު ނުހަނު އިހްލާސްތެރި ކަމާ އެކު އިލްތިމާސް ދަންނަވަން.

“ނިންމާލުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެންމެހާ މުވައްޒަފުންނަށް ވެސް ދުވަހުގެ ތަޙުނިޔާ ދަންނަވައި އެ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން.

“އަޅުގަނޑު އެދެނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް މިއަދަށްވުރެ ފަހި، އުޖާލާ އަދި ރޯޝަނީ މުސަތަގްބަލެއް.”