ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓާނެ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި

September 27, 2013

ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު އެންގުމެވެ.

“ރިޔާސީ އިންތިޚާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ މި ދަނޑިވަޅުގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރާ ކަމަށް މި ކޮމިޝަނަށް ދަނީ ޝަކުވާ ލިބެމުންނެވެ. އަދި އެ މައްސަލަތައް މި ކޮމިޝަނުން މި ދަނީ ބަލަމުންނެވެ.

“ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށް ފަހު، ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގަމެވެ.

“ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި “ޤައުމީ ސަލާމަތް” ކަމަށް ބުނެފައި ވަނީ، “ޢަދުލު އިންޞާފު ޤާއިމްކުރުމަށް، ނުވަތަ ޤާނޫނާ ޤަވާއިދު ތަންފީޛުކުރުމުގެ ޢާންމު ހާލަތު ގެއްލިފައިވުން؛ ނުވަތަ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ދޭ ހަމަލާއެއްގެ ސަބަބުން އެމަރޖެންސީ ހާލަތްތަކުގައި އަމަލު ކުރާނެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅިފައިވުން؛ ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ތެރެއިން ބަޔަކަށް ހަމަނުޖެހުމުގެ އަސަރު ފޯރާ، ޖުމްލަކޮށް މުޅި މުޖްތަމަޢުގައި ބިރުވެރިކަން އުފެދިފައިވުން؛ ރާވައިގެން ނުވަތަ ކުއްލިއަކަށް އުފެދިގެން އަންނަ ހަމަނުޖެހުމެއްގެ ސަބަބުން ފުޅާ ދާއިރާއެއްގައި މީހުންނަށް ނުވަތަ ތަކެއްޗަށް ގެއްލުން ލިބުން، މިފަދަ ބޭނުމެއްގައި، ނުވަތަ މިއިން ކަމެއް ހިންގުމަށް މަގުފަހިވާ ގޮތަށް ނުވަތަ އެހީވެދޭ ނުވަތަ ހިތްވަރުދޭ ގޮތަށް ބްރޯޑްކާސްޓްކުރުން” އަށެވެ.

“އަދި ދަންނަވަމެވެ. ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި މިހާރު އުފެދެމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބަދަލުހިފުމުގެ ރޫހު އުފެދި، ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާ ރައްދުނުކުރުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއި، އެ ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ވެސް ހުރިހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.”