ދިވެހި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމުގެ ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން މެލޭޝިއާގެ ކޮމިއުނިކޭޝަނާ ބެހޭ ވަޒީރު ދެއްވައިފި

September 9, 2014

މެލޭޝިއާގެ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި ދިވެހި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމުގެ ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން މެލޭޝިއާގެ ކޮމިއުނިކޭޝަނާ ބެހޭ ވަޒީރު މިއަދު ދެއްވައިފިއެވެ.

ކުއަލަމްޕޫރުގައި މިހާރު ކުރިއަށްދާ ހަތް ވަނަ ވޯލްޑް ސަމިޓް އޮން ޗިލްރަންގެ އިފްތިތާހީ ރަސްމީޔާތަށް ފަހު، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓި މީޑިއާ ދާތޯ އަހުމަދު ޝަބްރީ ޗީކް އާއެކު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްގީ އަށް މިއަދު އެންމެ ބޭނުންވެފައި ވަނީ އިންސާނީ ވަސީލަތްތަކުގެ ތަރައްގީ ކަމަށާއި މިކަމުގައި އަވަށްޓެރި އަދި ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވި އެވެ. މި ކަމަށް ވެދެވޭ އެހީއެއްގެ ގޮތުން މެލޭޝިއާގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ޗެނަލްތަކުގައި، ދިވެހި ބްރޯޑްކާސްޓަރުން މަސައްކަތް ކޮށް، އަމަލީ ތަމްރީނު ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީ ކުރުމަށް މެލޭޝިއާ އިން އިތުރަށް ވެދެވެން އޮތީ ކޮންކޮން އެހީތެރިކަމެއްތޯ ބައްލަވާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެލޭޝިއާގެ މީޑިއާ އަދި ބްރޯޑްކާސްޓިން އިންސްޓިޓިއުޝަންތަކާ އެކު އިތުރަށް ގުޅުން ބަދަހިކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް ބޭނުންވާ ކަމަށާއި ފަސޭހަފުޅު ވަގުތަކުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މެލޭޝިއާގެ ކޮމިއުނިކޭޝަން މިނިސްޓަރަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ދައުވަތު ދެއްވިއެވެ. އަދި އެ ދައުވަތު ގަބޫލްފުޅު ކުރައްވައި، މި އަހަރުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތްކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ފާޅުކުރެއްވި އެވެ. ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރެއްވުމަކީ އަބަދުވެސް ކުރައްވާ އުންމީދެއް ކަމަށާއި ރާއްޖޭގެ ހިތްގައިމު މޫދާއި ކަނޑު އަޑީގެ މަންޒަރުތައް ބައްލަވާލައްވަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މި ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އަބްދުﷲ ސުޖާއު އާއި މެލޭޝިއާ ކޮމިއުނިކޭޝަންސް އެންޑް މަލްޓި މީޑއާ ކޮމިޝަންގެ ޗެއާމަން މުހައްމަދު ޝާރިލް ތަރްމިޒީ އާއި ރޭޑިއޯޓެލެވިޒަން މެލޭޝިއާގެ ޑިރެކްޓަރ ޖެނެރަލް ދާތޯ ނޮރްހަތީ އިސްމާއިލް ބައިވެރިވެވަޑައިގަތެވެ.

ޖުމްލަ ފަސްދޮޅަސް އެއް ގައުމުން އެއް ހާހަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ހަތް ވަނަ ވޯލްޑް ސަމިޓް އޮން ޗިލްރަން އަކީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން އިންތިޒާމްކުރާ ބައްދަލުވުމެކެވެ. އޭބީޔޫގެ ދައުވަތަކަށް، މި ސަމިޓްގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން، ކޮމިޝަނަރުން ކަމަށްވާ މުއުމިނާ އާދަމާއި މަރިޔަމް ޝައުގީ ބައިވެރިވެވަޑައިގަނެ އެވެ.