ޔޫރަޕިއަން ޔޫނިއަންއިން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު އޮބްޒާރވް ކުރާ ޓީމުގެ އޮފިޝަލަކު ކޮމިޝަނާއި ބައްދަލުކޮށްފި

March 16, 2014

މިއަހަރުގެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު އޮބްޒާރވް ކުރުމަށް ރާއްޖެވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަންގެ ޓީމުގެ އޮފިޝަލަކު ކޮމިޝަނާއި މިއަދު ބައްދަލުކޮށްފިއެވެ.

މިއަދު ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން އީޔޫގެ އޮބްޒާރވާރ މޭރީ ބޯލަންޑްއަށް މަރުޙަބާ ދެންނެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ދައުރާއި ކޮމިޝަނުން ކުރާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ކޮމިޝަނުން ކުރި މަސައްކަތްތައް ހިއްސާކުރެވުނެވެ. މިގޮތުން މ ކޮމިޝަނުން މިދިޔަ ރިޔާސީ އިންތިޚާބުގައި 10 ޓީވީ ޗެނެލްއެއްގެ ޕްރައިމްޓައިމް މޮނިޓަރކޮށް އަދ އިންތިޚާބުގެ ދުވަސްވަރު ބްރޯޑްކާސްޓިންގ އައި ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލި ހާއްސަ ކޮމިޓީގެ މަސައްކަތުގެ މަޢުލޫމާތާއި ކޮމިޝަނުން މި މަސައްކަތަށް އަލިއަޅުވާލާ ތައްޔާރުކުރި ރިޕޯޓުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައ ކޮމިޝަން ގެ ފަރާތުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް އެންމެ ބޭނުންވަނީ މި ދާއިރާއިން ތަމްރީންވެގެން ތިބި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެތިކަލް ޖާރނަލިސްޓުންތަކެއް ކަމަށާއި އަދި ސިޔާސީ ކަންކަމުގެ އިތުރުން ތިމާވެށި، އިންސާނިއްޔަތު، އިޖުތިމާއީ، ސަގާފީ ކަންކަމަށް އަމާޒުކޮށް މީހުން ހޭލުންތެރިކުރުމާއި މަޢުލޫމާތު މުއްސަންދިކުރުމަށް މަސައްކަތްކުރާ ނޫސްވެރިން ބިނާކުރުން މުހިންމުކަމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވަޑައިގަތީ ކޮމިޝަނުގެ ރައީސް، ސެކެރެޓަރީ ޖެނެރަލް ގެ އިތުރުން ޑިރެކްޓަރ އައިޝަތު ޝާހީނާއި، ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓާރ އީމާން އަންވަރާއި އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ އަރުޝަދު އަލީ އާއި ބިއުރޯ އޮފިސަރު އާނިސާ ފާއިޒެވެ.