ރައްޔިތުން މަޖުލިސް އިންތިޚާބު މޮނިޓަރ ކުރުމަށް ރާއްޖެވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމާ ކޮމިޝަނުން ބައްދަލުކޮށްފި

March 18, 2014

ރައްޔިތުންގެ މަޖުލިސް އިންތިޚާބު މޮނިޓަރ ކުރުމަށް ރާއްޖެވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

މިއަދު އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ދައުރާއި މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ މި ޓީމާ ހިއްސާކޮށްފައެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ޓިވީ ބްރޯޑްކާސްޓަރުން ޕްރައިމް ޓައިމްގައި ފޮނުވާފައިވާ ކޮންޓެންޓް މޮނިޓަރ ކުރުމަށާއި ބްރޯޑްކާސްޓް ދާއިރާއާ ގުޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލީ ފާސްޓް ޓްރެކް އެޖުޑިކޭޝަން ނިޒާމް ގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ކޮމިޝަނުން މޮނިޓަރކުރުމަށް ފަހު ތައްޔާރު ކުރި ރިޕޯޓާއި ގުޅުންހުރި މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ކޮމަންވެލްތްގެ އޮބްޒާރވާރ ޓީމުން ކުރެއްވި ސުވާލުތަކަށް ޖަވާބު އަރުއްވާފައެވެ. އަދި ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އިންތިޚާބު ދުވަސްވަރުގައި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގެ އިނގިރޭސި ތަރުޖަމާ ވަނީ މި ޓީމާ ހިއްސާކޮށްފައެވެ.

މިއަދު ގެ ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވަޑައިގަތީ ރައީސް މުޙައްމަދު ޝަހީބާއި ނައިބު ރައީސް އަބްދުﷲ ސުޖާއާ ކޮމިޝަނަރުން ކަމުގައިވާ އިބްރާހިމް އަޝްރަފް، މުއުމިނާ އަދާމް، މަރިޔަމް ޝައުގީ އަދި މުޙައްމަދު އަސްލަމެވެ. މީގެ އިތުރުން ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް ނޫރާ އަލީއާ ޑިރެކްޓަރ އައިޝަތު ޝާހީންގެ އިތުރުން ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު އާއި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ އަހުމަދު އަރުޝަދު އަލީއެވެ.