ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔަރކުރެއްވި މަސްޢޫދު ޢަލީއާ، ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުކުރައްވައިފި

March 2, 2014

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ފާހަގަވެގެންދިޔަ ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔަރކުރެއްވި މަސްޢޫދު ޢަލީއާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބައްދަލުކުރައްވައިފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި މިއަދު އޮތް މި ބައްދަލުވުގައި ކޮމިޝަން ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، ރާއްޖޭގައި އުފެދުނު ދޫހެލޭ، މޮޅެތި ޝޯ ހުށަހެޅުންތެރިންގެ ކުރީ ސަފުގައި ހުންނެވި މަސްއޫދު، ވަރަށް ޒުވާން އުމުރުގައި އެ ދާއިރާއިން ރިޓަޔަރ ކުރެއްވުމަކީ މި ދާއިރާ އަށް އަށް ލިބޭނެ ވަރަށް ބޮޑު ފަޅު ކަމެއް ކަމަށެވެ. ޓީވީ ޕްރޮގްރާމްތައް ހުށަހެޅުއްވުމުގައި ފާއިތުވި 20 އަހަރު ދުވަހު މަސްޢޫދު ޢަލީ ވަނީ އާޢްމުންގެ މަޤްބޫލުކަމާއި ލޯބި ހޯއްދަވައިފައިވާ ކަމަށާއި މަސްޢޫދު ފާހަގަވެގެން ގޮސްފައި ވަނީ ދޫ ފަރިތަކަމުގެ އިތުރުން ދިވެހި ބަހުގެ އަދަބިއްޔާތަށް ވެސް ކުޅަދާނަ ޝަހުސިއްޔަތެއްގެ ގޮތުގައިކަން ކޮމިޝަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ދާއިރާ އިން އެންމެ ފުރަތަމަ ޤައުމީ އިނާމް ހޯއްދަވައިފައި ވަނީ ވެސް، 2012 ވަނަ އަހަރު މަސްއޫދުކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން މި ދާއިރާއިން ރިޓަޔަރ ކުރެއްވި ކަމުގައިވީ ނަމަވެސް، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގައި މަސްޢޫދު އަލީގެ ތަޖުރިބާ ހިއްސާ ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ މީޑިއާ އަށާއި ބްރޯޑްކާސްޓިން ދާއިރާ އަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހި ބަހުގެ އަދަބިއްޔާތަށް ކުޅަދާނަ، ލިއުންތެރިންނާއި ވާހަކަ ދެއްކުންތެރިން މި ދާއިރާގައި ހަރަކާތްތެރިވުން މަދުވުން ކަމަށާއި އެފަދަ ހުނަރުވެރިންގެ އާ ޖީލެއް ރާއްޖޭގެ މީޑިއާ އަށް ނުހަނު ބޭނުންވެފައިވާ ކަމުގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ މަސްއޫދުގެ ޓީވީ ޝޯތަކަކީ އޭގެން ދަރިވަރުންނަށް އަދަބީ ގޮތުން ވެސް ފިލާވަޅުތަކެއް ލިބިގެންދާ ޝޯތަކެއް ކަމަށެވެ. ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ކޮމިޝަނަރ މަރިޔަމް ޝައުގީ ވިދާޅުވީ މަސްއޫދަކީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އުފެއްދުންތައް ޓީވީ ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވުމުގައި، ބެލުންތެރިންގެ ވަރަށް ގާތް މީހެއްގެ ގޮތުގައި ހުށަހަޅުއްވާދެއްވި ޕްރެޒެންޓަރެއް ކަމަށެވެ. އަދި ގަޑިއަށް ފަރުވާތެރިވުމަކީ ވެސް މަސްއޫދުގެ ޚާއްސަ ސިފައެއް ކަމުގައި ކޮމިޝަނަރ މަރިޔަމް ޝައުގީ ވިދާޅުވި އެވެ. ކޮމިޝަނަރަ މުހައްމަދު އަސްލަމް ވިދާޅުވީ މަސްއޫދު އަލީ އަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނަމޫނާ ޕްރެޒެންޓަރެއް ކަމަށާއި އޭނާގެ ޝޯތަކުން އިބްރަތް ލިބިގަންނަންޖެހޭ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މަސްޢޫދު އަލީ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގައި އޭނާގެ ކުރެއްވި ޚިދުމަތުގެ އަގު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ފާހަގަކޮށް އޭނާއާ ބައްދަލުކުރެއްވީތީ ކޮމިޝަނަށް އިޙްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދާއިރާގެ މީހުން ބިނާކުރުމަށް އޭނާގެ ހުނަރާއި ތަޖުރިބާ ހިއްސާ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް މަސްއޫދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވަނީ މަސްޢޫދު އަލީ އަށް ހަނދާނީ ފިލައެއް އަރުއްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ނައިބު ރައީސް އަބްދުﷲ ސުޖާއު އާއި ކޮމިޝަނަރ މަރިޔަމް ޝައުގީ އާއި ކޮމިޝަނަރ އިބްރާހިމް އަޝްރަފާއި ކޮމިޝަނަރ މުހައްމަދު އަސްލަމް އާއި ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ އާއި ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާސިޙް ބައިވެރިވެވަޑައިގަތެވެ.