އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ 5 ނުކުތާގެ ވައުދުގައި ސޮއިކުރެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން ރައީސުލަޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވައިފި

January 1, 2014

އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ 5 ނުކުތާގެ ވައުދުގައި ސޮއިކުރެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވައިފިއެވެ. އައު ސަރުކާރުގެ ސަތޭކަ ދުވަހުގެ އެކްޝަން ޕްލޭންގައި މިކަން ހިމެނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ފޮނުވި ސިޓީގައި ދެ ކަމެއް ފާހަގަކޮށްފައިވެއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ފޮނުއްވި ސިޓީގެ މުހިއްމު ބައިތަކެވެ.

“2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެށުނު އައު ރިޔާސީ ދައުރާ ގުޅިގެން މަނިކުފާނުގެ ސަރުކާރުން ރާވައިގެން ކުރިޔަށް ގެންދަވާ 100 ދުވަހުގެ އެކްޝަން ޕްލޭނުގައި ހިމެނުމަށް މި ކޮމިޝަނަށް ފެންނަ ތިރީގައިވާ ކަންކަން ފާހަގަކޮށްލުމަށް މި ފުރުޞަތުގެ ބޭނުންކުރަމެވެ.

  1. ރާއްޖޭގެ ނޫސްވެރީންނަށާއި ބްރޯޑްކާސްޓަރުންނާ ދެކޮޅަށް ކުރީގެ ސަރުކާރުގެ ފަރާތުން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދެވުން.
  2. ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް މި ކޮމިޝަނުން އެކުލަވާލާފައިވާ 5 ނުކުތާގެ ވައުދުގައި މަނިކުފާނާއި ސަރުކާރުގެ އިދާރާތަކުން ސޮއިކުރެއްވުން.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ބްރޯޑްކާސޓިންގ ދާއިރާ ޒިންމާދާރުކަމާއެކު ކުރިއެރުވުމަށާއި ބްރޯޑްކާސްޓަރުންގެ ރައްކައުތެރިކަމާއި މިނިވަންކަމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުން، މަތީގައި ދެންނެވުނު 2 ކަންތައް ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނުގައި ހިމެނުއްވުމަކީ މިނިވަން ނޫސްވެރިކަމަށް އައު ސަރުކާރުން ތަރުހީބުދޭ މިންވަރު ހާމަކޮށްދޭނޭ ކަމެއް ކަމަށް މި ކޮމިޝަނުން ދެކޭތީ، މި ކަންކަން އެ ޕްލޭނުގައި ހިމަނައިދެއްވުން އެދޭ ވާހަކަ ދެންނެވީމެވެ. މި ދެންނެވި ކަންކަމަކީ ސަރުކާރުގެ 100 ދުވަހުގެ އެކްޝަން ޕްލޭނާ ބެހޭގޮތުން މަޝްވަރާކޮށްލެއްވުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް އަމީން އިބްރާޙިމް، މި ކޮމިޝަނާއެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ހިއްސާކޮށްފައިވާނޭ ކަންކަން ކަމުގައި ދެންނެވީމެވެ.

މި ސިޓީއާއެކު، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމުގެ 5 ނުކުތާގެ ވައުދުގެ ކޮޕީ މަނިކުފާނު ދެކިވަޑައިގަތުމަށް ފޮނުވީމެވެ. މި  ވައުދު ސޮއިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންމެ ފުރަތަމަ ފޮނުވާފައިވާނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ކަމުގައި ވެސް މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވެމެވެ.”