ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ޗައިނާ ސަފީރާ މަޝްވަރާކުރައްވައިފި

October 26, 2022

ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި، ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގައި ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަންގެ ދައުރާއި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ޗައިނާ ސަފީރަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވިއެވެ. ކޮމިޝަންގެ ރައީސް ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން ޗައިނާ އެމްބަސީއާ ގުޅިގެން، ޗައިނާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރަށް އެރުވިއެވެ.

މީގެއިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަގުވަޒަންކުރުމަށާއި، ވާދަވެރި ސިނާޢަތަކަށް ހެދުމުގެ ގޮތުން ސެޕްޓެމްބަރު މަހު ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް”އާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ކޮމިޝަނުން ޙިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ސަފީރު ވާން ލިޝިން ވަނީ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ކޮމިޝަނާއެކު މަޝްވަރާކުރައްވައި،  ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއާއި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީއެވެ.