މީޑިއާނެޓުން ދިވެހި ޗެނަލްތައް “ރައިޑްކުރުމަށް” ނަގާ ފީ ފާސްކޮށްފި

October 9, 2014

މީޑިއާނެޓުން ކ. އަތޮޅާއި ސ. އަތޮޅު ސަރަޙައްދުގައި ހިމެނޭ ނެޓްވޯކްގައި ދިވެހި ބްރޯޑްކާސްޓް ޗެނަލްތައް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ފީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފާސްކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކޮށްފައިވާ ސަރކިއުލަރގައި ވަނީ ރައިޑިންގ ފީ ގެ ގޮތުގައި ފާސްކޮށްފައިވަނީ ގޭބިސީއަކުން 4 (ހަތަރެއް) ރުފިޔާއެވެ. މިއަގު ފާސްކުރުމާއެކު ކަނޑައަޅާފައިވާ ޝަރުތުތަކަކީ، ކޮންމެ ހަތަރު މަހުން އެއްމަހު މީޑިއާނެޓްގެ ޚިދުމަތް ދެމުންދާ ސަރަޙައްދުތަކުގައި ހިމެނޭ ކަނެކްޝަންތަކުގެ އަދަދު ސަރަޙައްދު ވަކިން އެނގޭނޭހެން ކޮމިޝަނަށް އެންގުމާއި، މީޑިއާނެޓްގެ ކަނެކްޝަންތަކުގެ އަދަދަކީ ޢާންމު ފަރާތްތަކަށް ސަރަހައްދުތައް ވަކިން އެނގޭނޭހެން ޝާއިޢު ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވުމާ އަދި ލައިސަންސް ދީފައިވާ ކޮންމެ ސަރަޙައްދަކަށް ވަކިން ރައިޑްކުރުމުގެ ފުރުސަތު ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އޮތުމެވެ.