ލައިސަންސް ނެތި ގާނޫނާ ޚިލާފަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމާ ބެހޭ ގޮތުން ހޯމް މިނިސްޓަރާ އެކު މަޝްވަރާކޮށްފި

January 7, 2014

ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ޚިދުމަތްދޭ) ތަންތަން ބަންދުކުރުމާ ބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

ހޯމް އެފެއާޒް މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑެތި ދަތިތަކުގެ ތެރޭގައި، ލައިސަންސް ނެތި ކޭބަލް ޓީވީ ހިންގާ ފަރާތްތައް ހުއްޓުވުން ހިމެނޭ ކަމަށެވެ. އަދި ކޭބަލް ޓީވީ ހިންގާ ފަރާތްތައް ޤާނޫނުގެ އިމުގެ ތެރެއިން މި ހިދުމަތް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް އަންގައި ނަސޭހަތްދީފައި ވީ ނަމަވެސް މި ކަމަށް އެ ފަރާތްތަކުންނާއި ބައެއް ކައުންސިލް އިދާރާތަކުން ވެސް އެކަށީގެންވާ އެއްބާރުލުން ލިބިފައިނުވާ ކަމަށް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގައިގެން ރާއްޖޭގައި ޚިދުމަތް ދެނީ ގާތްގަނޑަކަށް ފަސްދޮޅަހަކަށް ފަރާތަކުން ކަމަށާއި ނަމަވެސް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ނުދޭ ރަށެއް ނުވަތަ ރިސޯޓެއް ރާއްޖޭގައި އޮންނާނެ ކަމަށް ގަބޫލްނުކުރެއްވޭ ކަމަށް ވެސް ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ. އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނުނަގާ ޚިދުމަތް ދޭ ބައެއް ފަރާތްތަކުން ސީދާ ބްރޯޑްކާސްޓްކުރާ ކަމުގެ ޝަކުވާ ވެސް ކޮމިޝަނަށް ލިބެމުންދާ ކަމަށާއި މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ވެސް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، ލައިސަންސް ނެތި، ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ފަރާތްތައް ހުއްޓުވައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަން ބޭނުންވާ ކަމުގައި ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ. އަދި މި ކަމާ ގުޅިގެން، ލޯކަލް ގަވަންމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު ވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނުން ވާނީ މަޝްވަރާކޮށް، ލިޔެކިއުންތައް ބަދަލުކޮށްފައި ކަމުގައި ވެސް ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒް އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި،ޤާނޫނުތައް ތަންފީޒުކުރުމަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ހޯމް މިނިސްޓްރީގެ ފަރާތުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އަދި މި މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި، މި އޮޕަރޭޝަން ހިންގާނެ ގޮތުގެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާ ގުޅިގެން މިއަދުން މިއަދަށް ފެށުމަށް މިނިސްޓަރު ނިންމެވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާރޒްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ލީގަލް ޑިޕާޓްމަންޓުގެ ފަރާތުން ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސްގެ އިތުރުން ނައިބު ރައީސް އަބްދުﷲ ޝުޖާއު އާއި ކޮމިޝަނަރ އިބްރާހީމް އަޝްރަފާއި ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ އަދި ލައިސަންސް ކޯޑިނޭޓަރ ލުބްނާ އާދަމް ސަލީމެވެ.