ބްރޯޑްކާސްޓް ކޮމިޝަނާ ބައްދަލުކުރައްވައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާދިލް ސަލީމް މިއަދު ވިދާޅުވި ވިދާޅުވުމަކީ މުޅި ބްރޯޑްކާސްޓް މީޑިއާ އަށް ސަރުކާރުން ދެއްވި އިންޒާރެއް

January 19, 2012

ނޫސް ބަޔާން

ބްރޯޑްކާސްޓް ކޮމިޝަނާ ބައްދަލުކުރައްވައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާދިލް ސަލީމް މިއަދު ވިދާޅުވި ވިދާޅުވުމަކީ މުޅި ބްރޯޑްކާސްޓް މީޑިއާ އަށް ސަރުކާރުން ދެއްވި އިންޒާރެއް.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ރެގިއުލޭޓް ނުކުރެވޭ ނަމަ، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ފްރީކުއެންސީ ހިފަހައްޓަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އަންގަވަން ޖެހިދާނެ ކަމަށް، ބްރޯޑްކާސްޓް ކޮމިޝަނާ ބައްދަލުކުރައްވައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އާދިލް ސަލީމް މިއަދު ވިދާޅުވި ވިދާޅުވުމަކީ މުޅި ބްރޯޑްކާސްޓް މީޑިއާ އަށް ސަރުކާރުން ދެއްވި އިންޒާރެއް ކަމުގައި ދެކި، އެކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނަކުން އުފައްދަވައި، ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެ ގާނޫނުން ހަވާލުކޮށް، ރައްޔިތުންގެ މަޖުލީހަށް ޖަވާބުދާރީވާންޖެހޭ މުސްތަގިއްލު މުއްސަސާއަކަށްވީ ހިނދު، މި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ދޭހަވާ ފަދަ އިބާރާތުން މިނިސްޓަރު ވާހަކަފުޅު ދައްކަވައި، މި ކޮމިޝަނުން މަސްއޫލިއްޔަތު އަދާކުރަންވީ ގޮތް ވިދާޅުވުމަކީ މި ކޮމިޝަންގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވުން ކަމުގައި މި ކޮމިޝަނުން ދެކެމެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ވާ ފަދައިން ފްރީކުއެންސީ އަކީ ލައިސަންސެއްގެ ދަށުން ދެވޭ އެއްޗެއް ކަމުގައި ވީހިނދު، އަދި ފްރީކުއެންސީ ޕްލޭނެއްގެ ދަށުން ފްރީކުއެންސީ ދިނުމާއި އަދި އެކަމާ ބެހޭ އެންމެހާ ކަންކަން ހިންގުމަކީ ހަމައެކަނި މި ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމުގައި ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން އެނގެން އޮތް ހިނދު، އަދި ހަމަ މި ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އިން ލައިސަންސް ދިނުމާއި، އާކޮށްދިނުމާއި ވަގުތީ ގޮތުން ހިފެހެއްޓުމުގެ ބާރު ހަމައެކަނި މި ކޮމިޝަނަށް ދީފައިވީ ހިނދު، އަދި މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގައި ލައިސަންސް ބާތިލްކުރެވޭނީ ހަމަ އެކަނި ޝަރުޢީ ކޯޓަކުން ކަމުގައި ވީ ހިނދު، މި ޤާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ޚިދުމަތުގެ ލައިސަންސް ދިނުމާއި އާކޮށްދިނުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި މި ކޮމިޝަނަށް ކަމަށް ވީހިނދު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިއަދު ދެއްވި އިންޒާރަކީ ޤާނޫނީ އެއްވެސް ބަރުދަނެއް ހުރި ވާހަކަފުޅެއް ނޫނެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޑިމޮކްރެސީއެއްގެ މައިގަނޑު އެއް އަސާސް ކަމުގައި ވާހިނދު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން، އެކި ސިފަސިފައިގައި ކުރިމަތިވަމުންދާ ބިރުދެއްކުމަކީ، ޅަފަތުގައި އޮތް ޑިމޮކްރެސީއެއް ފުރިހަމަވެ، ފައްކާވުމަށް އަޅާ ހުރަހެއް ކަމަށް ވާތީ އެކަމާ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.

19 ޖެނުއަރީ  2012