ގައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމިޓީ އާ ބައްދަލުކުރައްވައިފި

June 25, 2014

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ އަދި މިނިވަންކަމަށް 50 އަހަރުފުރޭ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާމެދު މަޝްވަރާކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒަށް ލަފާ އަރުވާ “ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާދޭ ކޮމިޓީ”އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފިއެވެ.

މި ކޮމިޝަންގައި އިއްޔެ ބޭއްވުނު މިބައްދަލުވުމުގައި، މި ކޮމިޓީގެ މެންބަރުން ވަނީ މި ދެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި، އަދި  މި މުނާސަބަތުތައް ފާހަގަކުރުމުގައި މީޑިއާގެ ފަރާތްތަކާއި ސަރުކާރުގެ އެންމެހާ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާ އަދި ކަމާ ގުޅޭ ފަރާތްތަކުން އަދާކުރެވޭނެ ދައުރާ މެދުވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، މި ދެ މުނާސަބަތު އެންމެ ފުރިހަމަކަމާއި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މީޑިއާގެ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ދެއްވުން އެދި ކޮމިޓީގެ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މިބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ވަނީ، މި އަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ އަދި މިނިވަންކަމަށް 50 އަހަރުފުރޭ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މިބައްދަލުވުމަގައި ކޮމިޝަނުގެ މެންބަރުން ވަނީ މި ދެ މުނާސަބަތު ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ކޮމިޓީއާ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ މިބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ “ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާދޭ ކޮމިޓީ”ގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޓީގެ ރައީސް، ނ.ޢ.ޢ.ވ. ޢަބްދުއްރަޝީދު ޙުސައިނާއި، ނ.ޢ.ޢ.ވ. ޢައްބާސް އިބްރާހީމާއި، އަޙްމަދު ޝާކިރު (ކަށިމާ)، އާދަމް ނަސީރު އިބްރާހިމްގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސް ބައެއް ފަރާތްތަކެވެ. އަދި ކޮމިޝަންގެ ފަރާތުން ކޮމިޝަންގެ ރައީސްގެ އިތުރުން، ކޮމިޝަނުގެ ނައިބު ރައީސް އަބްދުﷲ ސުޖާޢުއާއި ކޮމިޝަނަރ މުޙައްމަދު އަސްލަމާއި، ސެކްރެޓަރީ ޖެނެރަލް ނޫރާ ޢަލީ ބައިވެރިވެވަޑައިގަތެވެ.