ރަށްރަށުގައި ދެވޭ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރެގިއުލޭޓްކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ކޮމިޝަނުން އެލް.ޖީ.އޭ.އާ މަޝްވަރާކޮށްފި

February 23, 2020

ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާތީ ހުށަހެޅޭ މައްސަލަތައް ބެލުމުގައި، ކައުންސިލްތަކުން ހޯދަންޖެހޭ މައުލޫމާތު ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއެކު، މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ބައެއް ރަށު ކައުންސިލްތަކުން ލިބެންވާ އެއްބާރުލުން ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ.

އަދި، މި މައްސަލަތައް ބެލުމަށް އެލް.ޖީ.އޭ.އާއި ރަށު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގެ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށް މިކަމުގެ ސަބަބުން ދަތިވެފައި ކަމުގައި ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެއިތުރުން، ރީބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ގަވާއިދާ އެއްގޮތަށް ދިނުމަށް ބާރުއެޅުމުގެ ގޮތުން، ރަށު ކައުންސިލްތަކަށް ޚާއްޞަކޮށްގެން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންނާއި، ގަވާއިދާ ޚިލާފަށް މި ޚިދުމަތް ދިނުމުގެ ސަބަބުން ކޮމިޝަނުން ބަލަމުންދާ ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ޙައްލުކުރުމަށް ދެ މުވައްސަސާއިން އިތުރު މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގއި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.