ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން އޯރކާ މީޑިއާ ގްރޫޕުން ކޮމިޝަނާ މަޝްވަރާކޮށްފި

January 21, 2020

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަންނުވެރިކަމާއި މީޑިއާގެ ތަފާތު ޚިދުމަތްދޭ ކުންފުންޏެއް ކަމުގައިވާ އޯރކާ މީޑިއާ ގްރޫޕާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމީމް ޢަބްދުއްރައްޒާޤު، ވިދާޅުވީ، އަލަށް ބްރޯޑްކާސްޓްކުރަން ފަށާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މިފަދަ ޚިދުމަތެއް ދިނުމަށް ފަށައިގަންނަން ބޮޑު ޚަރަދެއް ދިއުން ކަމަށާއި، މިކަމުގެ ސަބަބުން، މި ދާއިރާ ކުރިއަށް ދާންޖެހޭ ބާރުމިނުގައި ނުދާކަމަށް ވިދާޅުވިއެވެ.

ގިނަ ޤައުމުތަކުގައި، މީޑިއާގެ ޚިދުމަތް ދިނުމަށް ފަށައިގަތުމުގައި ގިނަ އެހީތަކެއް ލިބޭކަން ފާހަގަކުރައްވައި، ރާއްޖޭގައި މީޑިއާގެ ޚިދުމަތްދޭ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނޭ ގޮތެއް ހަމަޖެއްސުން މުހިންމު ކަމަށާއި، އަދި ދާއިރާގެ ތަރައްޤީއަށްޓަކައި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް އިތުރުވުންވެސް މުހިންމުކަމަށް  އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، ބްރޯޑްކާސްޓް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށާއި، ވަރަށް ޚާއްޞަ އިސްކަމެއްދީގެން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

އަދި ކޮމިޝަންގެ މިހާރުގެ އަމާޒަކީ، ބްރޯޑްކާސްޓަރުންނާ ވީހާވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، މީޑިއާއާއި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރާ ހުރިހާ މަސައްކަތެއްގައިވެސް ކޮމިޝަންގެ އެއްބާރުލުމާއި އެހީތެރިކަން ހުރިހާ ފަރާތްތަކަކަށްވެސް ފޯރުކޮށްދޭނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

 

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.