ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެލް.ޖީ.އޭ.އާއެކު ފަހުމުނާމާއެއްގައި ކޮމިޝަނުން ސޮއިކޮށްފި

February 21, 2023

ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ކޮމިޝަންގައި މިއަދު ހަވީރު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރްޔަމް ވާހީދާއެވެ. އެލް.ޖީ.އޭ.ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފެވެ.

މި ފަހުމުނާމާގެ ދަށުން، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާއި ކޮމިޝަނުން އަތޮޅުތަކަށް ކުރާ މޮނިޓަރިންގ ދަތުރުތަކުގައި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ.

އަދި އެލް.ޖީ.އޭ.ގެ ފަރާތުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ކުރާ ދަތުރުތަކުގައި ރަށްރަށުގައި ދެމުންގެންދާ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް މޮނިޓަރކުރުމަށާއި، ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ކޮމިޝަނަށް ފުރުސަތުދިނުމާއި ކައުންސިލްތަކަށް ފަރުމާކޮށްގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން މާލޭގައި ހިންގާ ޕްރޮގްރާމްތަކުގައި ކޮމިޝަނުން ބައިވެރިވުމަށް ފުރުސަތު ދިނުން ވެސް މި ފަހުމުނާމާގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ގޮތުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ރަށްރަށުގައި ތައާރަފްކުރުމަށް ކޮމިޝަނުން ކުރިއަށް ގެންދާ ތަމްރީނާއި އެހެނިހެންވެސް ޕްރޮގްރާމްތަކަށް ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުމާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކިޔެވެނި ޕޯޓަލްގައި ކޮމިޝަންގެ ކޯޑް އޮފް ޕްރެކްޓިސް އަދި އެހެނިހެން މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ވެސް މި ފަހުމުނާމާގައި ހިމަނާފައިވެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލައަކީ ރަށްރަށުގައި ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރާ މައްސަލަކަމަށާއި ނަމަވެސް މިފަދަ މައްސަލަތައް ބެލުމުށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓްގެ ދަތިކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދު ސޮއިކުރެވިގެންދިޔަ ފަހުމުނާމާގެ ދަށުން އެލް.ޖީ.އޭ.ގެ އެހީތެރިކަމާ އެއްބާރުލުން ލިބުމަކީ މިފަދަ މައްސަލަތައް ބެލުމުގައި ކުރިއަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އެލް.ޖީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފް ފާހަގަކުރެއްވި ގޮތުގައި އާންމުންނާ ގުޅުންހުރި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަރައްޤީކުރުމަކީ އެ އޮތޯރިޓީން ވަރަށް އިސްކަމެއްދޭ މަސައްކަތެއް ކަމަށާއި އަދި ފަހުމުނާމާގައި ހިމަނާފައިވާ ހުރިހާ ކަމެއްގައިވެސް ކޮމިޝަނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެލް.ޖީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ އިތުރުން، ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑިރެކްޓަރ ޙުސައިން ވަހީދާއި ޑިރެކްޓަރ މުޙައްމަދު ހާޝިމެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސްގެ އިތުރުން، ނައިބު ރައީސް މުޙައްމަދު ފަޒީނާއި ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއާއި ޑިރެކްޓަރ، މޮނިޓަރިންގ އެންޑް ލައިސަންސިންގ އިބްރާހީމް އަޝްރަފާއި ކޮމްޕްލެއިންޓްސް ކޯޑިނޭޓަރ ޙައްވާ ޒާހިރާއާއި އެޗް. އާރް. އެންޑް އެޑްމިން ކޯޑިނޭޓަރ އަސްމާ ޙަސަނާއި ލީގަލް ކޯޑިނޭޓަރ އަލްއުސްތާޛާ ސަނިއްޔާ ޙުސައިނާއި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީއެވެ.