މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހެޅި ރާއްޖެ ޓީވީގެ ކޮންޓެންޓެއްގެ މައްސަލަ ޕީޖީ އޮފީހުން އަބުރާ ފޮނުވާލައްވާފައިވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ކިޔައިފި

December 25, 2013

ރާއްޖެ ޓީވީއިން ފޮނުވި ކޮންޓެންޓަކާ ގުޅިގެން ސުޕްރީމް ކޯޓުން ކުރެއްވި އަމުރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ރާއްޖެޓީވީގެ ދެ ނޫސްވެރިއެއްގެ މައްސަލައެއް ޝަރީއަތަށް ފޮނުވޭނެ ޖާގައެއް ނެތްކަމަށް ޕީޖީ އޮފީހުން ނިންމަވާ މައްސަލަ އަބުރާ ފޮނުވާލައްވާފައި ވާތީ އެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ކިޔައިފިއެވެ.

މި ކޮމިޝަނުން ދެކޭ ގޮތުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގެ މައްސަލަތަކުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ހަވާލުކުރެވިފައިވާ މުއައްސަސާއަކީ  މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނެވެ. ރާއްޖެޓީވީގެ ކޮންޓެންޓްގެ މައްސަލަ ސުޕްރީމް ކޯޓުން މި ކޮމިޝަނަށް ހުށަހެޅުއްވުމުން އެ މައްސަލަ ބެލުމަށްފަހު މިހާރުވާނީ ރާއްޖެޓީވީ އާމެދު ޤާނޫނީ ފިޔަވަޅު ވެސް އަޅާފައެވެ.

އެގިވަޑައިގެންފައި ވާނޭ ފަދައިން ރާއްޖެ ޓީވީގެ ކޮންޓެންޓެއްގެ މައްސަލައެއް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ސުޕްރީމް ކޯޓަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން 27 އޮކްޓޫބަރ 2013 ގައި ވެސް އިލްތިމާސް ދަންނަވާފައި ވެއެވެ.