ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އިނގިރޭސި ސަފީރާ މަޝްވަރާކުރައްވައިފި

December 14, 2022

ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ކުރިއަރުވައި، ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގައި ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަންގެ ދައުރާއި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު އިނގިރޭސި ސަފީރަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ދެއްވިއެވެ. ކޮމިޝަންގެ ރައީސް ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރަށް އެރުވިއެވެ.

މީގެއިތުރުން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ އަގުވަޒަންކުރުމަށާއި، ވާދަވެރި ސިނާޢަތަކަށް ހެދުމުގެ ގޮތުން ސެޕްޓެމްބަރު މަހު ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް”އާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ކޮމިޝަނުން ޙިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ސަފީރު ކެރޮން ރޮސްލަރ ވަނީ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ކޮމިޝަނާއެކު މަޝްވަރާކުރައްވައި،  ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ކޮމިޝަނަރ އާމިނަތު އަމީނާއާއި ކޮމިޝަނަރ މުޙައްމަދު ފަޒީނާއި ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާއެވެ.