މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމަށް އިތުރު ހަތް ލައިސަންސެއް ޕީ.އެސް.އެމްއަށް ދޫކޮށްފި

September 8, 2015

މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމަށް ޕަބްލިކް ބްރޯޑްކާސްޓަރ “ޕަބްލިކް ސަރވިސް މީޑިއާ”އަށް އާ 7 ލައިސަންސެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ދޫކޮށްފިއެވެ.

މިއަދު މެންދުރުފަހު، ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ލައިސަންސްތައް ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބެވެ. ޕީ.އެސް.އެމްގެ ފަރާތުން ލައިސަންސްތަކާ ހަވާލުވެވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވަނީ ޕީ.އެސް.އެމް އިން ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އަދި އަލަށް އުފެއްދުމަށް ނިންމާފައިވާ ހަތް ޗެނަލްގެ ސަބަބުން އާންމުންނަށް އިތުރު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބޭނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއަދު އަލަށް ދޫކުރެވުނު ހަތް ލައިސަންސާއެކު ޕީ.އެސް.އެމްއަށް ޖުމްލަ 11 ޗެނަލް ހިންގުމުގެ ލައިސަންސް ވަނީ ކޮމިޝަނުން ދޫކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 7 ޓީވީ ޗެނަލާއި 4 ރޭޑިއޯ ޗެނަލެވެ.