މީލާދީ އައު އަހަރުގެ މުނާސަބަތުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ މެސެޖް

January 1, 2016

މީލާދީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރިންނަށާއި އެހުންތެރިންނަށް ކޮމިޝަންގެ ކޮމިޝަނަރުންނާއި މުވައްޒަފުންގެ ނަމުގައި އަރިސްކުރަމެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ފާއިތުވެ ދިޔަ އަހަރަކީ ގޮންޖެހުންތަކެއް ހުރުމާއެކުވެސް، އޮމާންކަމާއެކު އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވި އަދި ގިނަ ކާމިޔާބީ ތަކެއް ލިބިފައިވާ އަހަރެކެވެ. ބްރޯޑްކާސްޓަރުންގެ މިންނެތް މަސައްކަތުން މި ދާއިރާއަށް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ލިބިފައެވެ. އަދި މިދާއިރާގެ ކުރިއެރުމަށް ކެނޑިނޭޅި އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް މި ކޮމިޝަނުން ފާހަގަކުރަނީ އުފަލާއެކުއެވެ.

އައު އަހަރަކަށް ކުރިމަތިލާއިރު ހުރިހާ ބްރޯޑްކާސްޓަރުންވެސް، މި ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ސަމާލުކަންދޭންވީ ކަންތައްތަކެއްވެއެވެ. އެ ގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބްރޯޑްކާސްޓަރުން ދެކެންޖެހޭނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ކުރިއަރުވައި ޤައުމިއްޔަތު ދިރުވުމަށްޓަކައި އެފަދަ ކަންތައްތަކަށް އިސްކަންދީގެން ކޮންޓެންޓް އުފެއްދުމަށް ސަމާލުކަން ދިނުމެވެ. އުފައްދާ ކޮންޓެންޓަކީ އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނުވާ ޢާންމުންގެ ވިސްނުން ތަރައްޤީކުރުވާ އެއްޗަކަށް ވުމަކީ ދާއިރާއަށްވެސް ލިބޭ ކުރިއެރުމެކެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަކީ ވަސްމީރު މައު އަޅާ ގަހެއް ފަދަ ދާއިރާއެއް ކަމުން މި ދާއިރާއަށް އެއްވެސް ހާލަތެއްގައި ގެއްލުމެއް ލިބުމަކީ އެދޭ ކަމެއް ނޫނެވެ. މި ފަދަ ގެއްލުންތަކުން ރައްކާތެރިވުމަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް ސަމާލުވެ ތިބުމަށް މި ފެށޭ އައު އަހަރުވެސް ހަނދާންކޮށްދެމެވެ. ދާއިރާގެ ކުރިއެރުމާއި ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނުގެ ހިމާޔަތް ފުރިހަމައަށް ހޯދައި، ބިނާކުރަނިވި، އުފެއްދުންތެރި މަސައްކަތަށް މަގުފަހި ކުރުމަށް ހެދިފައިވާ ދާއިރާއާ ގުޅޭ ގަވާއިދުތަކާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްތަކަށް ނުހަނު އާރޯކަން އަންނާނޭ ކަމެއްކަން ކަށަވަރެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް މަތީން އެއްވެސް ހިނދެއްގައި ހަނދާން ނައްތައިނުލުމަށާއި، އޭގައި ކަނޑައެޅިފައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށް ކޮންޓެންޓް އުފެއްދުމާއި ގެނެސްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ގޮވާލަމެވެ.

މައުލޫމާތު ފޯރުވައިދިނުމުގައި ބްރޯޑްކާސްޓަރުން ކަމާ ގުޅޭ އިދާރާތަކާ އެކު އިތުރަށް ގުޅިގެން މަސައްކަތްކުރުމަކީ ތެދު މަޢުލޫމާތު ގެނެސްދިނުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކެމެވެ. މީގެ އިތުރުން، ޑިމޮކްރަސީއެއްގެ މައިގަނޑު އަސާސްކަމުގައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ބްރޯޑްކާސްޓަރުންނަށް އެއްބާރުލުން ދިނުމަކީ މި އަގުހުރި މަސައްކަތަށް ލިބިގެންދާނޭ އިތުރު ބާރެއްކަން ކަށަވަރެވެ.

އަޅުގަނޑުގެ ދުޢާ އަކީ އަދި އުއްމީދަކީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން މި ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީ އާއި ހަރުދަނާކަން ލިބިގެން ދިއުމެވެ. އަދި ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން މި ކޮމިޝަނުން އަބަދުވެސް ފޯރުވައިދޭނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި އަރުވަމެވެ.